ހުރަވީ ސްކޫލުގެ 2023-2024ގެ އެންމެ މޮޅު ދަރިވަރަކަށް ޙަސަން ޖޫދު ޖައުހަރީ ހޮވިއްޖެއެވެ. ދެވަނައަށް ހޮވިފައިވަނީ ފާޠިމަތު އިނާން ވަހީދެވެ. ތިންވަނަ ހޮވިފައިވަނީ، ފާޠިމަތު ޝައިހާ ނާޒިމެވެ.
މި ނަތީޖާ، އިޢުލާނު ކުރެއްވީ 2023-2024ގެ އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި އިނާމުދިނުމުގެ ޖަލްސާގައެވެ.
އެއްވަނަ ހޯދި ޙަސަން ޖޫދު ޖައުހަރީ އަކީ، ޕްރައިމަރީ ގްރޭޑުން ފެށިގެން ޤުރްއާން، އިނގިރޭސި، ދިވެހިބަހުގެއެކި މުބާރާތްތަކުގައި ބައިވެރިވެ، ރަންވަނަތައް ހޯދައިފައިވާ ހުނަރުވެރި ދަރިވަރެކެވެ. ޖޫދު ހުރަވީ ސްކޫލާ ގުޅުނީ ގްރޭޑް 6 ން ނެވެ. ޖޫދަކީ ކިޔެވުމަށް މޮޅު ވަރަށް ހަރަކާތްތެރި ދަރިވަރެކެވެ.

އިންޓަރ ސްކޫލާއި ސްކޫލު ފެންވަރުގައި ބޭއްވޭ އެކި މުބާރާތްތަކުގައި ބައިވެރިވެ، ފަޚުރުވެރި ވަނަތައް، ޖޫޖު ހޯދައިފައިވެއެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ތަފާތު މުބާރާތްތަކުގައި ބައިވެރިވެ ތަޖުރިބާތައް ހާސިލުކޮށް ރަންވަނަތައް ޖޫދުވަނީ ހޯދައިފައެވެ. މި ދަރިވަރުގެ އެންމެ ޚާއްޞަ ކުޅިވަރަކީ ފެތުމެވެ.
ޖޫދަކީ ނަމޫނާ ސްކައުޓެކެވެ. ސްކައުޓެއްގެ ގޮތުގައި ފަޚުރުވެރި ބެޖުތަކެއް ޖޫދު ހޯދައިފައިވެއެވެ. އަދި އިސް މަގާމުތަކެއް މި ދަރިވަރު ވަނީ އަދާކޮށްފައެވެ.
ގްރޭޑް 7 އިން ފެށިގެން ޖޫދަކީ ހުރަވީ ސްކޫލުގެ ޕްރިފެކްޓެކެވެ. ވަރަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވާ މި ދަރިވަރަކީ 2023-2024 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނެވެ. އަދި ސްޓޫޑެންޓް ކައުންސިލްގެ ޗެއަރ ޕާޝަން އަކީ ވެސް ޖޫދުއެވެ.
ނިމިދިޔަ ދިރާސީ އަހަރު، ހުރަވީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޖޫދަކީ ތައުލީމީ ގޮތުން ވިދުންގަދަ ދަރިވަރެކެވެ. ސާނަވީ ގްރޭޑްތަކުގައި ކިޔެވި އިރު، 1ވަނަ ނުވަތަ 2ވަނަ، ޖޫދު އަބަދު ވެސް ހޯދައެވެ. މި ދަރިވަރު ވަނީ، އޯލެވެލް އިމްތިޙާނުން 6 އޭ ސްޓަރ، 2 އޭ ހޯދައި، ގައުމީ ގަދަ 10ގެ 3ވަނަ ހޯދައިފައެވެ.
ދެވަނަ ހޯދި، ފާޠިމަތު އިނާން ވަހީދަކީ ތަފާތު އެކި ފަންނުތަކަށް މޮޅު ހުނަރުވެރި ދަރިވަރެކެވެ. މި ދަރިވަރުވަނީ އަދަބީ އެކި މުބާރާރތްތަކާއި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައް ހޯދައިފައެވެ. އިނާނަކީ ކުޑައިރުއްސުރެ ކުރެހުމަށް ވަރަށް ލޯބިކުރާ ދަރިވަރެކެވެ. ހުރަވީ ސްކޫލުގެ ފާރުތައް ކުރެހުމުގައި އިނާނުގެ އިސްނެގުމާއި ބައިވެރިވުން ވަރަށް ބޮޑަށްކަން އެ ސްކޫލުން ފާހަގަ ކުރެއެވެ.

ކިޔެވުމަށް ޝައުޤުވެރިވާ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކުރާ މި ދަރިވަރު ވަނީ، ސާނަވީގައި ކިޔެވި އިރު، އަބަދު ވެސް ގަދަ 5 ގައި ހިމެނިފައެވެ. އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ 5 އޭ ސްޓަރ އާއި، 3 އޭ ހޯދައި، އިނާން ވަނީ ގައުމީ ގަދަ 10ގެ 4ވަނަ ހޯދައިފައެވެ.
އިނާނަކީ އަޚުލާޤު ރަނގަޅު ހަރަކާތްތެރި ނަމޫނާ ދަރިވަރެކެވެ. ގްރޭޑް 7 އިން ފެށިގެން އިނާނަކީ ހުރަވީ ސްކޫލުގެ ޕްރިފެކްޓެކެވެ. އިނާނަކީ ސްކޫލުގައި ހިންގާ ކޮންމެ ހަރަކާތެއްގައި ބައިވެރިވި ނަމޫނާ އިސްވާރެކެވެ. 2023-2024ގައި، ހުރަވީ ސްކޫލުގެ ސްކޫލު ޑެޕިޓީ ކެޕްޓަން (އަންހެން) ކަން ވެސް އިނާން ވަނީ ކޮށްފައެވެ.
ތިންވަނަ ހޯދި ފާޠިމަތު ޝައިހާ ނާޒިމް ހުރަވީ ސްކޫލަށް ވަނީ އެ ސްކޫލުގެ ގްރޭޑް 9 އަށެވެ. ކުޑައިރުއްސުރެ ފޮތްކިޔުމަށް ޝައުޤު ހުންނަ ޝައިހާއަކީ ބަނދިކިޔުމާއި، ރައިވަރުކިޔުމާއި، ވާހަކަކިޔުމާއި، ވާހަކަދެއްކުންތެރިކަމަށް ވެސް މޮޅު ހުނަރުވެރި ދަރިވަރެކެވެ. މީގެ އިތުރުން ޝައިހާއަކީ ނެޓްބޯލް އާއި ހޭންޑްބޯލް ކުޅުމުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. ސްކޫލުގައި ބާއްވާ ގިނަ ހަރަކާތްތަކެއްގައި، ބައިވެރިވަމުން އައި ޝައިހާއަކީ ޤުރްއާން މުބާރާތްތަކާއި، އަދަބީ ފޯވަހި، އިންގްލިޝް ލިޓްރަރީ ހަފުތާ ފަދަ ހަރަކާތްތަކުގައި ބައިވެރިވެ ރަންވަނަތަކެއް ހާސިލުކުރި ދަރިވަރެކެވެ.

ގްރޭޑް 9 އިން ފެށިގެން ޝައިހާއަކީ ހުރަވީ ސްކޫލުގެ ޕްރިފެކްޓެކެވެ. މީގެއިތުރުން ޝައިހާ ވަނީ ނޫރުލް ކުލަބުގެ ރައީސްކަން އަދާކޮށްފައެވެ.
ކިޔެވުމަށް ހިތްވަރާ އެކު މަސައްކަތްކުރާ މި ދަރިވަރު ވަނީ ގްރޭޑް 9ގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމުގައި ވެސް ގަދަ 10ގައި ހިމެނިފައެވެ. ދިވެހި އަދި ކޮމްޕިއުޓަރ ސައިންސުން ސަބްޖެކްޓް ޕްރައިސް މި ދަރިވަރު ހޯދިއެވެ. ގްރޭޑް 10ގައި ކިޔެވި އިރު ޝައިހާ ވަނީ ސްކޫލުގެ ގަދަ 5 ކުން 3 ވަނަ ހޯދައިފައެވެ. އަދި އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ، 6 އޭ ސްޓަރ، އަދި 3 އޭ، ހޯދައި ޝައިހާ ވަނީ ގައުމީ ގަދަ 10ގެ 4ވަނަ ހޯދައިފައެވެ.
advertisment
advertisment
advertisment