އިމާދުއްދީން ސްކޫލުގެ 2023-2024ގެ އެންމެ މޮޅު ދަރިވަރަކަށް ޒާނާ ޒާހިދު ހޮވިއްޖެއެވެ. ދެވަނައަށް ހޮވިފައިވަނީ އީދާން އަޙްމަދު މޫސާއެވެ. ތިންވަނަ ހޮވިފައިވަނީ، ޢާއިޝަތު އާލާ ސަލާމެވެ.
މި ނަތީޖާ، އިޢުލާނު ކުރެއްވީ ރޭ އެ ސްކޫލުގެ ބޭއްވި އިނާމުދިނުމުގެ ޖަލްސާގައެވެ. މި ޖަލްސާ ޝަފަރުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.
އެއްވަނަ ހޯދި ޒާނާ ފާހަގަކޮށްލެވިފައި ވަނީ، ކިޔެވުމަށް މޮޅު އަޚުލާޤު ރަނގަޅު ދަރިވަރެއްގެ ގޮތުގައެވެ. ވަރަށް ހިތްވަރާ އެކު އިސްނަގައިގެން މަސައްކަތްކުރާ ދަރިވަރެއްގެ ގޮތުގައެވެ. ނަމޫނާ ޕްރިފެކްޓެއްގެ ގޮތުގައި ހުރެ ޒާނާ އިމާދުއްދީން ސްކޫލުން ކިޔެވުން ނިންމައިލީ ސްކޫލު ކެޕްޓަންކަމުގެ ފަޚުރުވެރި މަގާމު އަދާކުރުމަށް ފަހުގައެވެ.
ޒާނާއަކީ ކިޔެވުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ގިނަގުނަ ކާމިޔާބުތަކެއް ހޯދި ނަމޫނާ ދަރިވަރެކެވެ. ކިޔެވުމަށް ބަލާ އިރު، މި ދަރިވަރު ވަނީ، އޯލެވެލް އިމްތިޙާނުން ގައުމީ ގަދަ 10ގެ 3ވަނަ ހޯދައިފައެވެ.
ޒާނާގެ އެހެނިހެން ކާމިޔާބީތަކަށް ބަލާ އިރު، އިންޓަރ ހައުސް އަދަބީ މުބާރާތްތަކުންނާއި އިންގްލިޝް ލިޓެރަރީ މުބާރާތްތަކުންނާއި، ސްކޫލުގައި ބޭއްވި ޤުރްއާން މުބާރާތުގައި ބައިވެރިވެ ރަން ވަނަތައް ހާސިލުކޮށްފައިވެއެވެ. އަދި 1443 ވަނަ އަހަރު ބޭއްވި ސްކޫލުގެ މަދަހަ މުބާރާތުގައި ޒާނާގެ ވިދުންވަނީ ގަދަވެފައެވެ.
ޒާނާއަކީ ކުޅިވަރުގައި ވެސް ވިދުންގަދަ ތަރިއެކެވެ. ސްކޫލުގެ ބާސްކެޓް ޓީމް ތަމްސީލުކޮށް، އިންޓަރ ސްކޫލު މުބާރާތްތަކުގައި ސްކޫލަށް ފަޚުރުވެރިވަނަތައް ހޯދައިދީފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން 2023ވަނަ އަހަރު ބޭއްވި ޖޫނިއަރ ޗެމްޕިއަންޝިޕް، ސްކޫލަށް ކާމިޔާބުކޮށް ދިނުމުގައި ޒާނާ ވަނީ އިސްދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އިންޓަރ ހައުސް ބާސްކެޓް ބޯލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގެ ބެސްޓް ޕްލެއަރ އޮފް ދަ މެޗް ވެސް، ޒާނާ ވަނީ ހޯދައިފައެވެ. އަދި ސްކޫލުން ބޭރުގައި ބޭއްވި ކޮންމެ މުބާރާތެއްގައި ވެސް އެންމެ މޮޅު 5 ކުޅުންތެރީންގެ ތެރޭގައި ޒަނާ ހިމެނެއެވެ.

ކިޔެވުމާއި ކުޅިވަރުގެ އިތުރުން ޔުނީފޯމު ހަރަކާތުގައި ވެސް ޒާނާއަކީ ހަމަ ތަރިއެކެވެ. އެއީ ނަމޫނާ ގައިޑެކެވެ. މިގޮތުން 2023 ވަނަ އަހަރު މާލޭގައި ބޭއްވި 19ވަނަ ނޭޝަނަލް އެންވަޔަރަންމަންޓް ކޭމްޕާއި 22 ވަނަ އިންޓަނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕުގައި ބައިވެރިވެ، ޒާނާގެ ހުޝިޔާރުކަން ވަނީ ސާބިތުކޮށްދީފައެވެ.
ދެވަނައަށް ދިޔަ އީދާން އަޙްމަދު މޫސާއަކީ ކިޔަމަންތެރި، ކުދީންނާ ގުޅޭ، ދަރިވަރުންގެ މެދުގައި މަގުބޫލު ދަރިވަރެކެވެ. އީދާން ފާހަގަ ކުރެވިފައިވަނީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ސީނިއަރ ޕްރިފެކްޓުކަމުގެ މަގާމާއި ފެންފިޔާޒު ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަމުގެ މަގާމު އީދާން ވަނީ އަދާކޮށްފައެވެ. މީގެ އިތުރުން އީދާނަކީ ފާއިތުވީ އަހަރު އިމާދުއްދީން ސްކޫލުގެ ސްކޫލު ކެޕްޓަން ވެސް މެއެވެ.
އީދާނަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކާއި ކުޅިވަރުގައި ވެސް ވިދުންގަދަ ދަރިވަރެކެވެ. ކިޔެވުމަށް ބަލާ އިރު، އީދާން ވަނީ އޯލެވެލް އިމްތިޙާނުން ގައުމީ ގަދަ 10ގެ 3ވަނަ ހޯދައިފައެވެ.
އިތުރު ހަރަކާތްތަކަށް ބަލާ އިރު، އިންގްލިޝް ލިޓެރަރީ ކޮމްޕެޓިޝަނާއި، ރޯޔަލް ކޮމަންވެލްތް ސޮސައިޓީއިން 2023ގައި ބޭއްވި ދަ ކްއީން ކޮމެންވެލްތް އެސޭ ކޮމްޕެޓިޝަންގައި ބައިވެރިވެ، ބްރޮންޒް އެވޯޑް ހޯދައިފައިވެއެވެ. މީގެއިތުރުން އީދާނަކީ ބާސްކެޓު ބޯޅައާއި ފުޓުބޯޅައިގައި ވިދުންގަދަ ތަރިއެކެވެ. މި ދަރިވަރަކީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގައި ރާއްޖެ ތަމްސީލުކޮށް އަދި މިހާރު ވެސް، 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގައި ރާއްޖެ ތަމްސީލު ކުރާ ހުނަރުވެރި އުންމީދީ ކުޅުންތެރިއެކެވެ.

އީދާނަކީ ކެރޭ ހީވާގި ސްކައުޓެއް ވެސް މެއެވެ. މި ދަރިވަރު ވަނީ ޕެޓްރޯލް ލީޑަރެއްގެ ގޮތުގައި ގިނަ ކޭމްޕްތަކެއްގައި ބައިވެރިވެފައެވެ. މީގެ އިތުރުން އީދާން ވަނީ 20ވަނަ މާލޭ ސްކައުޓް ގްރޫޕުގައި ހިމެނި ސްކައުޓު ސްޓޭންޑަރޑް އެވޯޑް ހާސިލުކޮށްފައެވެ. އަދި ސްކައުޓް ޕްރޮފިސިއެންސީ ގިނަ ބެޖްތަކެއް ވެސް ހާސިލުކޮށްފައެވެ. ސްކައުޓުގައި ވެސް އީދާނަކީ ފާހަގަކޮށްލެވޭ ހުނަރުވެރި ދަރިވަރެކެވެ.
ތިންވަނަ ހޯދި އާލާއަކީ ރަނގަޅު ނަތީޖާ ހޯދުމަށް އަބަދު ވެސް ގަދައަޅާ މަސައްކަތް ކުރި އަޚުލާޤު ރަނގަޅު ދަރިވަރެކެވެ. އާލާ ވަނީ ސްކޫލުގައި އިސް މަގާމުތަކެއް އަދާކޮށްފައެވެ. މިގޮތުން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި، ޔާގޫތު ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަމާއި، ސީނިއަރ ޕްރިފެކްޓްކަމުގެ މަގާމް އާލާ އަދާކޮށްފައިވެއެވެ.

އިމާދުއްދީން ސްކޫލުގައި އާލާ އަކީ ރަނގަޅު ނަތީޖާ ހޯދި ދަރިވަރެކެވެ. ކްލާހުންނާއި އެކި މާއްދާތަކުން ރަން ވަނަތައް މި ދަރިވަރު ހޯދައިފައިވެއެވެ. މީގެ އިތުރުން އާލާ ވަނީ އޯލެވެލް އިމްތިޙާނުން ގައުމީ ގަދަ 10ގެ 4ވަނަ ހޯދައިފައެވެ.
advertisment
advertisment
advertisment