ސ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުންނަކީ ރަސާ އާއި ނަބްހާން

ސ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި މަރްޔަމް ރަސާ ތަޢުފީޤާއި، މުޙައްމަދު ނަބުހާން ޖާބިރު ހޮވިއްޖެއެވެ. 

ރަސާއަށް 1ވަނަ ލިބިފައިވަނީ 2023ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުންނެވެ. ނަބްހާނަށް 1ވަނަ ލިބިފައިވަނީ 2024ވަނަ އަހަރުގެ އެނެމެ މޮޅު ދަރިވަރުގެ ގޮތުންނެވެ. 

މި ނަތީޖާތައް އިޢުލާނުކޮށްފައި ވަނީ ސ. އަތޮޅު މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމެވެ.

2023ވަނަ ދިރާސީ އަހަރު ސ. އަތޮޅު މަދަރުސާއިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ރަސާ ފާހަގަ ކުރެވިފައިވަނީ އަޚުލާޤު ރަނގަޅު، ކިޔެވުމަށް ވަރަށް ގަދައަޅައި މަސައްކަތް ކުރި، އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ހިތްވަރުގަދަ ދަރިވަރެއްގެ ގޮތުގައެވެ. ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް ރަސާގެ ވިދުން ގަދައެވެ. 

ރަސާއަކީ އިބްތިދާއީ މަރުހަލާގައި ވެސް ކިޔެވުމަށް މޮޅު ދަރިވަރެކެވެ. މެދުމަދަރުސީ މަރުހަލާއާއި ސާނަވީ މަރުހަލާގައި ވެސް، ރަސާގެ ވިލުންތެރިކަން ގަދައެވެ. 2023 ވަނަ އަހަރު އޯލެވެލް އިމްތިޙާނުން 5 އޭ ސްޓަރ އާއި 3 އޭ ހޯދައި ގައުމީ ގަދަ ދިހައެއްގެ 3ވަނަ ކަށަވަރު ކުރިއެވެ. އަދި އިސްލާމް މާއްދާއިން މުޅިރާއްޖެއިން ފަޚުރުވެރި 1 ވަނަ މި ދަރިވަރު ވަނީ ހޯދައިފައެވެ.  

ކިޔެވުމުގެ އިތުރުން ސްކޫލުފެންވަރުގައި ރަށުފެންވަރުގައި އަތޮޅު ފެންވަރުގައި ބޭއްވުނު ޤުރްއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކާއި ވާހަކަ ދެއްކުމުގެ މުބާރާތްތަކުން ރަސާވަނީ ރަންވަނަތައް ހާސިލުކޮށްފައެވެ. ސްކޫލުގައި ކޮންމެ އަހަރަކު ބޭއްވޭ އަދަބީ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ، ފާހަގަކޮށްލެވޭ ވަނަތަކެއް ރަސާ ހާސިލުކޮށްފައިވެއެވެ. 

ކިޔެވުމާއި ކުޅިވަރާއި އިތުރު ހަރަކާތްތުގެ އިތުރަށް، ރަސާއަކީ ސްކޫލުގައި އިސްވާރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ހީވާގި ހަރުދަނާ ދަރިވަރެކެވެ. ނަމޫނާ މި ދަރިވަރުވަނީ، ސ. އަތޮޅު މަދަރުސާގެ ޕްރިފެކްޓްކަމާއި ސްކޫލުގެ ފަޚްރުވެރި ސްކޫލުކެޕްޓަންކަމުގެ މަގާމު ވެސް ޒިންމާދާރުކަމާ އެކު އަދާކޮށްފައިވެއެވެ. ރަސާ ފާހަގަ ކުރެވިފައިވަނީ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދައަޅައި ހިތްވަރާ އެކު މަސައްކަތްކުރާ ޢަޒުމުވަރުގަދަ އަޚުލާޤު ރަނގަޅު ކިޔަމަންތެރި ދަރިވަރެއްގެ ގޮތުގައެވެ.

 

ދެހާސް ސައުވީސް ވަނަ އަހަރު ސ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފް ހޯދި މުޙައްމަދު ނަބްހާނު ޖާބިރުގެ ތަޢުލީމީ ހަޔާތުގެ ފެށުމަކީ އަސްރިއްޔާ ޕްރީ ސްކޫލެވެ. އޭގެފަހުން އިބްތިދާއީ ތަޢުލީމު ހާސިލުކުރީ ޝަމްސުއްދީން ސުކޫލުންނެވެ. މި ސްކޫލުގައި ކިޔެވި ދުވަސްވަރު ވެސް ނަބްހާން ފާހަގަކުރެވިފައި ވަނީ، ކިޔެވުމަށް މޮޅު ހަރަކާތްތެރި ދަރިވަރެއްގެ ގޮތުގައެވެ. ޝަމްސުއްދީން ސްކޫލުގައި ނަބްހާނު ކިޔެވި ދުވަސްވަރު، ނަބްހާންވަނީ އެ ސްކޫލުގެ ޕްރިފެކްޓުކަމާއި ކެޑޭޓު ލީޑަރުކަމާއި ޑެޕިއުޓީ ކެޕްޓަންކަމުގެ މަގާމު ވެސް އަދާކޮށްފައެވެ. 

ސާނަވީ ތަޢުލީމު ނަބްހާނު ހާސިލުކުރީ ސ. އަތޮޅު މަދަރުސާއިންނެވެ.  އަޚުލާޤު ރަނގަޅު މި ދަރިވަރު ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ކިޔެވުމަށް މޮޅު ދަރިވަރެއްގެ ގޮތުގައެވެ. އިބްތިދާއީ މަރުހަލާގައި ވެސް ރަންވަނަތައް ގަތަމުން އައި ނަބްހާން، ސާނަވީ ތަޢުލީމު ނިންމައިލައިފައި ވަނީ ވެސް، އެ އަމާޒުން ކައްޗާނުވެ ފަޚުރުވެރި ރަންވަނަތަކާ އެކުގައެވެ. ނަބްހާނުވަނީ 2024ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުން 6 އޭ ސްޓަރ، 1 އޭ، 1 ބީ ހޯދައި ގައުމީ ގަދަ ދިހައެއްގެ 4ވަނަ ހާސިލްކޮށްފައެވެ. 

ނަބްހާނު ފާހަގަ ކުރެވިފައިވަނީ ޝައުޤުވެރިކަމާ އެކު އިތުރު ހަރަކާތްތކުގައި ބައިވެރިވާ ހުނަރުވެރި ދަރިވަރެއްގެ ގޮތުގައެވެ. އަދަބީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކުގައި ނަބުހާނުގެ ނަންވިދައެވެ. ކެޑޭޓު ހަރަކާތުގައި އެއީ ކޯޕްރަލްއެކެވެ. ގްރޭޑް 8 އިން ފެށިގެން ސްކޫލުގެ ޕްރިފެކްޓް ބޯޑުގައި ނަބްހާނު ހިމެނުނެވެ.

ކޮންމެ މަސައްކަތެއް ވެސް، ޝައުޤުވެރިކަމާ އެކު ކުރާ މި ދަރިވަރު ވަނީ ސްކޫލަށް ގިނަ ޚިދުމަތްތަކެއްކޮށް އިސްދައުރެއް ވެސް އަދާކޮށްފައެވެ. މިގޮތުން ސީނިއަރ ޕްރިފެކްޓް ކަމާއި، ޣާޒީ ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަމާއި، ގްރޭޑް 10ގައި ކިޔަވަމުން ސްކޫލުގެ ފަޚްރުވެރި ކެޕްޓަންކަމުގެ މަގާމު ވެސް ނަބްހާނުވަނީ އަދާކޮށްފައެވެ. މީގެ އިތުރުން ނަބްހާނަކީ 2024ވަނަ އަހަރުގެ އެންމެ މޮޅު ކެޑޭޓު ދަރިވަރު ވެސް މެއެވެ. 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!