ދިރިއުޅުމަކީ އެތައް ޖަޒުބާތުތަކަކާއި އިހުސާސްތަކެއް އެކުލެވިގެންވާ ކަމެކެވެ. އުފަލާއި ހިތާމައެވެ. ރުޅިވެރިކަމާއި ބިރުވެރިކަމެވެ. ދެރަވުމާއި ޖެހިލުންވުމެވެ. އަދިވެސް މި ފަދަ އެތައް ޖަޒުބާތުތަކަކާއި އިހުސާސުތަކެއް ދިރިއުޅުމުގައި ތަހައްމަލުކުރަން ޖެހެއެވެ. މިއީ ދިރިއުޅުމުގެ ހަޤީޤަތެވެ. މި ހުރިހާ ޖަޒުބާތަކާއި އިހުސާސްތަކެއް ތަޖުރިބާ ކުރުމަކީ މުޅިން އާދައިގެ ކަމެކެވެ. އަދި މިއީ ފުރިހަމަ ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް ކޮންމެހެން މުހިންމު ކަންކަމެވެ. އަޅުގަނޑުމެން ކުދިންނަށް ދަސްކޮށްދޭން ވީ ހުރިހާ ވަގުތެއްގައި އުފަލުގައި ބޭނުންހާ ގޮތަކަށް އުޅުމަކީ އެއްވެސް މީހަކަށް ކުރެވޭ ކަމެއް ނޫންކަމެވެ.
އާދައިގެ މިސާލަކުން ފަށާނަމަ މާއްދާއަކުން ފެއިލްވެދާނެއެވެ. ގެންގުޅޭ ދަބަހުގެ ކުލައިގެ ސަބަބުން އެކުގައި އުޅޭ ކުދީން ދިމާކޮށް ހީ ހަދައިފާނެއެވެ. ބޭނުންވާ އެކުވެރިޔާގެ ސަމާލުކަން ނުލިބިދާނެއެވެ. އަދި ހެދިބޮޑުވުމުގައި ހަށިގަނޑަށް އަންނަ ބަދަލުތައް މިސާލަކަށް ފަލަވުން، މޫނުގައި ބިހިނެގުން ނުވަތަ އެހެން ވެސް ގަޔާނުވާ ކަމަކާ ގުޅިގެން މާޔޫސްވެ ކަންބޮޑުވެދާނެއެވެ.
މި ކަންކަމާ ގުޅިގެން އެ ކުދީންނަށް ވިސްނައިދިނުމުގެ ގޮތުން "ތިއީ މާބޮޑު ކަމެއް ނޫން"، "ދެން އަޅާ ނުލާ"، "އެންމެނަށް އެއްގޮތެއް ނުވާނެ"، "އެ ކުދީންނާ އެކު އުޅޭނެކަމެއް ނެތް" ފަދަ ރައްދު ދިނުމުން ކުދީން މާޔޫސްވެއެވެ. އަދި އެހެން ދިމާވާ ކަންކަމާ ކުރިމަތިލާން ނޭނގި "ޔޫ ޑޯންޓް އަންޑަސްޓޭންޑް" މިހެން ބުނާ ފަހަރު ގިނައެވެ. ޚާއްޞަކޮށް ފުރާވަރުގެ ކުދީންނެވެ. ބަޔެއް ފަހަރުފަހަރު ކުދީންނަށް ދިމާވާ މި ފަދަ ހާލަތްތަކާ ގުޅިގެން އެ ކުދީންނަކީ މާ ޖަޒުބާތީ ބަޔަކަށް ނުވަތަ ރުންކުރު ނުވަތަ "އުދަނގޫ" ބޮޑު، ބަސްނާހާ ކުދީންގެ ލޭބަލް ވެސް ދެވޭތަން އާދެއެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ބޮޑެތި މީހުންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
އެހެން މިސާލަކަށް ބަލައިލަމާތޯއެވެ. އެކުވެރި ކުއްޖެއްގެ ގެއަށް ގޮސް ފުޓް ބޯޅަ ކުޅެނިކޮށް އެ ގޭގެ ޓީވީ ތަޅައިގެން ދިޔައީއެވެ. ނުވަތަ އެ ގެއަށް ގޮސް ސޯފާމަތީގައި ނުވަތަ އެދުމަތީގައި ކަރާޓީ ކުޅުނީއެވެ. ނުވަތަ ޒުވާބުކުރީއެވެ. ޖެހީއެވެ. މި ފަދަ ކަމެއް ދިމާވެގެން ކުއްޖާ ޢަމަލުކުރި ގޮތް އެއީ، އަޅުގަނޑުމެން އެންމެ ބޭނުން ނޫން ގޮތްކަމުގައި ވިޔަސް އެކަމާ ގުޅިގެން އެންމެންގެ ކުރިމަތީގައި ކުއްޖާ ލަދުގަންނަ ކަހަލަ ބަސްބަސް ނުބުނާށެވެ! މިސާލަކަށް "މީނަ އަބަދުވެސް އުޅޭ ގޮތް މިއީ"، "ބުނާ ގޮތެއް ދުވަހަކު ނަހަދާނެ"، "ލަދުން ބޯހަލާކުވޭ އުޅޭ ވައްތަރުން"، "ނިކަން ބަސްނާހާނެ" ފަދަ ކުއްޖާ ލަދުގަންނަ ކަހަލަ ބަސްބަސް ބުނެވެއެވެ. ނަތީޖާއަކީ ކުދީންނާ މައިންބައިންނާ ދެމެދު ފާރެއް ލެވުމެވެ. ނުރުހުން އުފެދުމެވެ. "ޔޫ ޑޯންޓް އަންޑަސްޓޭންޑް" ވުމެވެ. ނަމަވެސް އެކަން ކުރުން ވަގުތުން ހުއްޓުވުމަށް ފަހު އެކަމާ ގުޅިގެން ފަހުން ވާހަކަ ދައްކާށެވެ! އެ ޢަމަލުގެ ސަބަބުން ކުއްޖާއަށް އިހުސާސްވި ގޮތާއި އަދި ނުކުތް ނަތީޖާއާ ގުޅިގެން ކުއްޖާއާ އެކު މަޝްވަރާ ކުރާށެވެ. ރުޅި އައުމުގެ ބަދަލުގައި އޯގާތެރިކަމާ އެކުއެވެ. އަދި އެ ކުރި ގޯސްކަމަކުން ބޭނުންވި ނަތީޖާ ހާސިލްވިތޯ އެހިދާނެއެވެ. އެކަން އެހެން ނޫންގޮތަކަށް ކުރިނަމަ ނުކުންނާނެ ނަތީޖާއާ ގުޅޭގޮތުންވެސް ވާހަކަ ދެކެވިދާނެއެވެ. އަބަދުވެސް ހަދާން ކުރަންވީ ކަމަކީ ކުދީން ކަންކަން ދަސްކުރާ، އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެ ކުދީންނަށް ކުރެވޭ ތަޖުރިބާގެ ތެރެއިންކަމެވެ.

ހެދިބޮޑުވުމުގެ އެކި މަރުހަލާތަކުގައި ކުދިންނަށް ކުރިމަތިވާ ދަތި އަދި އުނދަގޫ ގޮންޖެހުންތަކަކީ އެ ކުދީން ވިސްނުން ބައްޓަންކުރުމުގައި ދިރިއުޅުން އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާ ކަންކަމެވެ. ކުދީންގެ މި ފަދަ ކަންކަމަކަށް ގޮތް ފާޑު ކިޔުމުގެ ބަދަލުގައި އެ ކުދީންގެ ވާހަކައަށް ސަމާލުކަން ދީގެން އަޑުއަހާށެވެ! އެ ކުދީންނަށް އެއީ ވަރަށް ހައްސާސު އަދި ބޮޑެތި ކަންކަމެވެ. ދުނިޔޭގެ ތަޖުރިބާ އެނގެނީ އަޅުގަނޑުމެންނަށެވެ. އެ ތަޖުރިބާތަކުގެ އަލީގައި ބޭނުންވާ ހައްލުތައް ހޯދައި ދިނުމަށް ހެދިދާނެ ގޮތްތަކާ ގުޅިގެން މަޝްވަރާ ކުރާށެވެ! މި ފަދަ މަޝްވަރާތަކުގައި އެ ޢަމަލު ކުރި ސަބަބާއި، ނުކުތް ނަތީޖާ ކުދީންގާތު އަހާށެވެ. އަދި އެ ކުދީންގެ ނަޒަރުގައި އެކަން ކުރެވިދާނެ އެހެން ގޮތްތަކަކީ ނުވަތަ ހައްލުތަކަކީ ކޮބައިތޯ އަހާށެވެ. މިހެން ހެދުމުން ބިނާކުރަނިވި ވިސްނުންތަކަށް މަޑުމަޑުން ލޯހުޅެވޭނެއެވެ.ދަރީންނަށް ކުރެވޭ ނުރަނގަޅު ސިޔާސަ ކަންކަމަކީ އަޅުގަނޑުމެންގެ ތަރުބިއްޔަތުގެ މައްސަލައެއްކަމަށް ބަޔެއް މީހުން ދެކެއެވެ. އަދި ބަޔެއް ފަހަރު ކުދީންގެ ހުރިހާ ކަމެއް އަޅުގަނޑުމެން ހިތުގައި އޮންނަ ގޮތަށް ވާން އެދެވެއެވެ. ދުނިޔޭގެ ލަދާއި އެހެން މީހުން ކިޔައިފާނެ އެއްޗަކަށް ބަލައި އަންނަ ރުޅި ކުދީންނަށް ބޭލެއެވެ. ޙަޤީޤަތަކީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެކި ކުދީންނަށް ކަންކަން ދޭހަވެ ނަގައިގަނެވި ދަސްވަނީ އެކި މިންވަރަށެވެ. އެއީ ގުދުރަތީ ނިޒާމެވެ. އެކަންކަމަށް ރިޢާޔަތްކޮށް ކުދީންގެ ކަންކަމުގައި ވިސްނުން އިސްކުރާންޖެހެއެވެ. ދަތިކަންކަމާއި އުދަނގުލަކީ ހުރިހާ އެންމެންނަށް ވެސް ދިމާވާ ކަންކަންކަން ވިސްނައި ދޭށެވެ. އެންމެ ފޯރުންތެރި މީހާގެ ވެސް ހުރިހާ ބޭނުންތަކެއް ނުފުދޭކަން ވިސްނައި ދޭށެވެ. އެހެންކަމުން އެއްވެސް މީހަކަށް އެ މީހަކު ބޭނުންހާ ގޮތަކަށް ނޫޅެވޭނެކަން ވިސްނައި ދޭންޖެހެއެވެ. ކުދީންނަށް ކުރެވޭ ތަޖުރިބާތަކާއި، ދެކެވޭ ވާހަކަތަކާއި ކުރެވޭ މަޝްވަރާތަކުގެ ތެރެއިންނެވެ.
advertisment
advertisment
advertisment