އަލަށް ތަޢާރަފްކުރާ ދެ ޕްރޮގްރާމަކާ އެކު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވައިލައިފި

އަލަށް ތަޢާރަފްކުރާ ދެ ޕްރޮގްރާމަކާ އެކު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ވަންނާން ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވައިލައިފިއެވެ.

އެ ސްކޫލުން އަލަށްފަށާ އެއް ޕްރޮގްރާމަކީ ޕިއާސަންސް ޑިޕްލޮމާ އިން އިންޖިނިއަރިންގއެވެ. އަނެއް ޕްރޮގްރާމަކީ ގްރޭޑް 12ގައި ކިޔަވާ ދަރިވަރުންނަށް އޭ ލެވެލް ކިޔެވުމާ އެކު އެމް.ކިއު.އޭ ލެވެލް 4 ގެ ކޯސްތަކެއް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން މަޢުލޫމާތުދެއްވި ގޮތުގައި 2025ވަނަ އަހަރަށް އެ ސްކޫލަށް ވަންނާން ބޭނުންވާ ދަރިވަރުންނަށް ޖުލައި 13ވާ އާދީއްތަ ދުވަހުގެ 10އިން ފެށިގެން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. ދަރިވަރުންނަށް ފުރުޞަތު ލިބޭނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށާއި ސްކޫލުގައި ހުރި ޖާގައިގެ މަޢުލޫމާތާއި ކިޔަވައިދޭ މާއްދާތަކުގެ މަޢުލޫމާތު ސްކޫލުގެ ވެބްސައިޓް (ވެބްސައިޓަށް ދިއުމަށް ފިތައިލާ) ލިބޭން ހުންނާނެ ކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއްވިއެވެ.

ސްކޮލަރޝިޕްގެ ފުރުޞަތު

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ހާމަ ކުރައްވާ ގޮތުގައި އެ ސްކޫލަށް ވަނުމަށް ދަރިވަރުން އެޕްލިކޭޝަން ހުށަހަޅާ އިރު، ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ. ސްކޮލަރޝިޕްގެ ދަށުން ދެ ކެޓަގަރީއެއް އެ ސްކޫލުން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އެކެޑެމިކް ކެޓަގަރީގެ ދަށުން ފޯރމް ހުށަހެޅުމުގެ މުއްދަތުގައި ސްކޮލަރޝިޕަށް އެދޭ ހުރިހާ ދަރިވަރުންނަށް ފުރުސަތު ލިބޭ އިރު، ސްޕޯޓްސް އަދި ކޯ-ކަރިކިއުލަރ ކެޓަގަރީގެ ދަށުން ސްކޮލަރޝިޕް ދެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ އިންޓަރ-ސްކޫލް ނުވަތަ ނެޝަނަލް ލެވެލްގެ މުބާރާތްތަކުން އެއްވަނަ ނުވަތަ ދެވަނަ ހޯދައިފައިވާ ދަރިވަރުންނަށް ކަމަށް ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން މަޢުލޫމާތު ދެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!