މަތީ ސާނަވީ ދަރިވަރުންތަކެއް އިމްތިޙާނު ހަދަނީ

އޭލެވެލް އިމްތިޙާނު ފަސްކުރާ ގޮތަށް ނިންމަވައިފި

މިއަހަރުގެ މެއި، ޖޫންގައި ބޭއްވުމަށް ހަމަޖެހިފައި އޮތް، އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނު، މިއަހަރުގެ އޮކްޓޯބަރ، ނޮވެމްބަރގައި ބާއްވާ ގޮތަށް ފަސްކުރެވިއްޖެއެވެ. މި އިމްތިޙާނު ފަސްކުރާން ޖެހުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19ން ރައްކާތެރިވުމަށް، ސަރުކާރުން އަޅުއްވަމުން ގެންދަވާ، ފިޔަވަޅުތަކާ ގުޅިގެން، ސްކޫލުތައް ދިގުމުއްދަތަކަށް ބަންދުކުރާން ޖެހުމާ ގުޅިގެން ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަ ކުރައްވައެވެ.

ކޯވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ ސްކޫލުތައް ބަންދުކޮށް، މިއަހަރުގެ މޭ، ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައްވަނީ ކެންސަލް ކުރައްވައިފައެވެ. އިނގިރޭސިވިލާތުގެ މި ނިންމުމާ ގުޅިގެން މީޑިއާ ތަކުގައިވަނީ، އިމްތިޙާނުތައް، ކެންސަލު ކުރިކަމަށް އަޑު ފެތުރިފައެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ، އެކަން ސާފުކޮށް ދެއްވައިފައެވެ. މިގޮތުން 19 މާރިޗުގައި އެ މިނިސްޓްރީގެ ފޭސްބުކު ޕޭޖުގައި ހާމަކުރައްވައިފައިވަނީ، "އިނގިރޭސިވިލާތުގެ ސްކޫލުތައް ބަންދުކޮށް މި ސްކޫލުތަކުގެ ދަރިވަރުންނަށް މި އަހަރުގެ ހޫނު މޫސުމުގައި (މެއި / ޖޫންގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ކެންސަލު ކުރިކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތް ފިޔަވައި، އެހެނިހެން ގައުމުތަކަށް، ފޯރުކޮށްދޭ އިމްތިޙާނު (އިންޓަރނޭޝަނަލް އެގްޒަމިނޭޝަން) ތަކާމެދު އިމްތިޙާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް އަދި ނިންމައިފައި ނުވާ ކަމަށެވެ.

ކޯވިޑް- 19ގެ ސަބަބުން ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުންވަނީ، . ބަންދު ކުރެވިފައެވެ. މިބަންދު ކުރުމާ ގުޅިގެން، އޯލެވެލް އިމްތިޙާނާއި ސްކޫލު ޗުއްޓީއަށް މިނިސްޓްރީން ބަދަލު ގެނެސްފައިވާ ކަމަށް، ސޯޝަލް މީޑިއާގައި، ވާހަކަތައް ފެތުރިފައިވެއެވެ. މިކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ ދޮގުކުރައްވައިފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި، މިފަދަ ސައްހަނޫން މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީންވަނީ ނަސޭހަތްތެރިވެ ލައްވައިފައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!