އެޑިޔުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން

"ޓެލިކިލާސް" މެދުވެރިކޮށް ހުރިހައި ގްރޭޑަކަށް މާދަމާ ކިޔަވައިދޭން ފަށާނެ: ޑރ. ޢާއިޝަތު ޢަލީ

ޓެލިކިލާސް މެދުވެރިކޮށް ކީ ސްޓޭޖް 1 އަދި 2 ށް މާދަމާ ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރައްވައިފައިވަނީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސުގައެވެ.

ކޮވިޑު-19 އާ ގުޅިގެން ސްކޫލުތައް ބަންދުވި ނަމަވެސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުތައް ގުޅިގެން ދަރިވަރުގެންގެ އުނގެނުމަށް ގިނަގުނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. މިގޮތުން މިއަހަރު އޯލެވެލް ހަދާ ދަރިވަރުންނާއި ގްރޭޑު 11 ގެ ފަހު އިމްތިޙާނު ހަދާ ދަރިވަރުންނަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

ކޮވިޑު-19 އާ ގުޅިގެން ސްކޫލުތައް ބަންދު ކުރާންޖެހުމުން ގްރޭޑު 10 އާއި 11 ގެ ދަރިވަރުންނަށް އަމާޒުކޮށް ޓެލިކިލާސް ވަނީ ފައްޓަވައިފައެވެ. އަދި ހަމައެއާއެކު، ގޫގުލް ކިލާސްރޫމުގެ އެހީގައި ސްކޫލުތަކުން މި ދެ ގްރެޑުގެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ފަށައިފައެވެ. އޭގެ ފަހުން، ގުރޭޑު، 7 ން 9 ށް ޓެލި ކިލާސް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފެށުނެވެ. އަދި ގޫގުލް ކިލާސްރޫމުގެ ޕްލެޓުފޯމުގައި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މަސައްކަތް ޓީޗަރުން ކުރައްވަމުން ގެންދަވައެވެ.

އަންނަ އާއްތަ ދުވަހުންފެށިގެން (މާދަމާ) ގުރޭޑް 1-6 ށް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށާއިރު، އެލްކޭޖީއާއި ޔޫކޭޖީގެ ކިލާސްތަކަށްވެސް، ހަމަ އެދުވަހު ކިޔަވައިދެއްވަން ފައްޓަވާނެ ކަމަށް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ އިޢުލާނު ކުރައްވައިފައެވެ.  ދަރިވަރުންގެ އުނގެނުމަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން ކަންކަން ކުރެއްވުމަށާއި އެކަމަށް މަގުފަހު ކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!