ކެޔޮދޫ ސްކޫލް

"ވެށި ކާނާ" މިނަމުގައި ގަސްއިންދުމުގެ ޕްރޮގުރާމެއް

ވެށިކާނާ މިނަމުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކޮޔޮދޫ ސްކޫލުން ކުރިޔަށް އެބަގެންދަވައެވެ. ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒަޢީމާ ޙުސެއިން ވިދާޅުވީ މިހަރަކާތުގެ ބޭނުމަކީ، ކެޔޮދޫ ސްކޫލުގެ ދަރިވަރުންނަކީ، ދެމެހެއްޓެނިވި ތައްޤީއަށް މަސައްކަތްކުރާ، އަދި ގޭގައި ބޭނުންކުރާ މޭވާއާއި ތަރުކާރީއަކީ، ރައްކާތެރި ތަކެތިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން ކަމަށެވެ. މިހަރަކާތް ސްކޫލުގައި ފަށައިފައިވަނީ، މާރިޗު 20 ގައެވެ.

ކޮވިޑު 19 ގެ މިދަނޑިވަޅުގައި  "ގޭގައި ތިބެމާ" މި ހޭޝްޓެގު ބޭނުން ކޮށްގެން ކެޔޮދޫ ސްކޫލުގެ ދަރިވަރުން ގޭގައި ތިބެގެން ކުރިޔަށް ގެންދާ، ގަސްއިންދުމުގެ ހަރަކާތުން 350 ށް ވުރެ ގިނަގަސް އެރަށުގައި އެކުދިން އިންދާނެއެވެ. މީގެ ތެރެއިން ގިނަގަސްތައް، ދަރިވަރުން މިހާރުވަނީ އިންދާފައެވެ. އޭގެތެރެގައި ދަނޑިއަލުވި، ފަޅޯ، ބަރަބޯ، ތޮރާ، އަތަ، ފޭރު، ޖުމްހޫރީމޭވާ، ފަދަ ބާވަތްތައް ހިމެނެއެވެ.  ދަރިވަރުންގެ މަސައްކަތަކީ ހަމައެކަނި ގަސްއިންދުމެއްނޫނެވެ. ގަސްކާނާ ތައްޔާރު ކުރުމާއި، ގަހަށް އަންނަމުންދާ ބަދަލުތައް ބަލައި ނޯޓު ކުރަމުން ގެންދިއުމަކީވެސް ދަރިވަރުން ކުރާނެ މަސައްކަތެއް ކަމަށް ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

ކެޔޮދޫ ސްކޫލު ދައިވަރަކު ގަހަށް ފެންދެނީ
ކެޔޮދޫ ސްކޫލުގެ ދަރިވަރަކު ގަހަށް ފެންދެނީ

"އަޅުގަނޑުމެންވާނެ ދަރިވަރުންނަށް ގަސް އޮބްޒާރވް ކުރާނެ ޝީޓެއް ދީފަ. ގަހަށް އަންނަމުންދާ ބަދަލުތައް ދަރިވަރުން އެ ޝީޓުގައި ނޯޓު ކުރާނެ. ގަސް މަރުވެއްޖެނަމަ ދެން ހަދާނެ ގޮތްވެސް ދަރިވަރުންނަށް އެނގޭނެ. މިގަސްތައް ހެއްދުމުގައި ދަރިވަރުން އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުމެއް ނުކުރާނެ." ޕްރިންސިޕަލް ތަފުސީލުކޮށްދެއްވިއެވެ. އިތުރަށް ވިދާޅުވީ، ދަރިވަރުން މިހައްދާ ގަސްތަކުން ލިބޭ މޭވާއިން ނޮވެމްބަރ މަހުގެ ތެރޭގައި މައުރަޒެއް ބާއްވަވާނެ ކަމަށެވެ.

ކޮވިޑު 19 އާ ގުޅިގެން ސްކޫލުތަކުގައި ކިޔަވައިދިނުން މެދުކަނޑައިލެވިފައި ވީ ނަމަވެސް ކެޔޮދޫ ސްކޫލުން ގެންދަވަނީ ދަރިވަރުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާ ނަމޫނާ ދައްކަވަމުންނެވެ. މިގޮތުން ކޮންމެ ހަފުތާއަކު  މަދުވެގެން އެއްފަހަރު ވައިބަރ ކޯލްތަކުން ނުވަތަ ހޭންގްއައުޓްސްގެ ޒަރިއްޔާއިން މީޓިންގ ބާއްވަވަމުން ގެންދަވާ ކަމަށާއި، މިފަދަ ވަސީލަތްތަކުގެ އެހީގައި ދަރުސް ޕްރޮގްރާމުތަކާއި އުނގަންނައި ދިނުމުގެ ޕްރޮގްރާމުތައް ކުރިޔަށް ގެންދަވާ ކަމަށް ޕްރިންސިޕަލް ޒަޢީމާ ޙުސެއިން ފާހަގަ ކުރެއްވިއެވެ.

ކެޔޮދޫ ސްކޫލަކީ، އާބާދީގެ ގޮތުން ކުޑަ ސްކޫލެއް ނަމަވެސް، ހޯދާ ނަތީޖާއާއި އުނގަންނައި ދިނުމަށް ކުރެވޭ މަސައްކަތުގައި އެއީ، ފާހަގަ ކޮށްލެވޭ "ބޮޑު" ސްކޫލެކެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!