މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ރޭ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. ގޫގުލްމީޓު މެދުވެރިކޮށް ރޭ ކުރިޔަށް ގެންދެވި މި ބައްދަލުވުމަކީ ރާއްޖޭގެ ސްކޫލުތަކުގެ ހުރިހައި ޕްރިންސިޕަލުން, އެއްވަގުތެއްގައި އޮންލައިންވެގެން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަދަރުސާއަށް މަޢުލޫމާތު ދެއްވަމުން، މި ބައްދަލުވުމުގައި ބައިވެރިވެ ލެއްވި ޕްރިންސިޕަލަކު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވި މަޝްވަރާ ކުރެވުނީ، ކޮވިޑު 19ގެ މިޙާލަތުގައި ސްކޫލުތަގެ ކިޔެވުން ކުރިޔަށް ގެންދިއުން ހަރުދަނާ ކުރުމަށްޓަކައި، ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ކަމަށެވެ. މިގޮތުން މިކަންކަން ކުރެވިދާނެ ގޮތަކާމެދު ޕްރިންސިޕަލުންގެ ޚިޔާލާއި މާޝްވަރާ މިނިސްޓަރވަނީ ރޭ ހޯއްދަވައިފައެވެ. މީގެއިތުރުން، މިވަގުތު މެދުކަނޑައިލެވިފައިވާ ޓެލިކިލާސްތައް ފަށައި ކުރިޔަށް ގެންދެވިދާނެ ގޮތްތަކަކާމެދުވެސް، މަޝްވަރާ ކުރެވި، ޚިޔާލުތައް ހޯއްދެވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރޭގެ ބައްދަލުވުމުގައި ދެން މަޝްވަރާ ކުރެވިފައިވަނީ، އޯލެވެލް އިމްތިޙާނު ބާއްވާނެ ދުވަސްވަރަކާގުޅޭ ގޮތުންނާއި، ކޮވިޑު 19ގެ ޙާލަތަށްފަހު ސްކޫލުތައް ހުޅުވޭއިރު، ޢަމަލު ކުރެވިދާނެ ގޮތްތަކަކާބެހޭ ގޮތުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދޮޅުގަނޑިއެއްހާއިރަށް ކުރިޔަށްދިޔަ މިބައްދަލުވުމަކީ، ގޫގުލްމީޓު ބޭނުން ކުރައްވައިގެން ހުރިހައި ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އެއްވަގުތެއްގައި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ގޫގުލްމީޓަކީ، އެޑިޔުކޭޝަން ޑޮމެއިންތަކާއި، ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. ކޮވިޑުގެ މިޙާލަތުގައި ގޫގުލްއިންވަނީ، ހިލޭ، އެއްފަހަރާ 250 މީހުންނާ ކޮންފަރެންސްހެދޭ ގޮތަށް ގޫގުލް މީޓު ދޫކޮށްލައިފައެވެ. ނަމަވެސް، އިއްޔެ ގޫގުލްއިން ކުރި އިއުލާނުގައިވަނީ ގޫގުލްމީޓު މިމަހުން ފެށިގެން އާންމުކޮށް ހިލޭ ދޫކޮށްލާނެ ކަމަށެވެ. އެއީ ކޮވިޑު 19 ގެ މިޙާލަތުގައި އާއިލާތަކުން އެކަކު އަނެކަކާ ބައްދަލުކޮށް ވާހަކަ ދައްކައިލުމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
ކޮވީޑު 19ގެ މިހާލަތުގައި ސްކޫލުތަކުގައި ކިޔެވުން މެދުކެނޑިފައި ވީ ނަމަވެސް ދަރިވަރުންގެ އުނގެނުމަށް ކޮށްފާނެ، ނޭދެވޭ އަސަރު ކުޑަކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.
advertisment
advertisment
advertisment
ހިޔާލު
ގޭގައި ތިބެގެން ތިވަރު ކަމެއް ކުރާނީ ކިހިނެއް
ލިބޭ ލާރިން ލެކްޓޮޕެއް ގަނެވޭވަރެއްނުވޭ