ރެހެންދި ސްކޫލުގެ ކެޕްޓަން އީނާ އަޙްމަދު، "މާދަމާ" އަށްކުރާ ފޮނި އުންމީދު

މާޅޮސްމަޑުލު އުތުރުބުރީ (ރ) ދުވާފަރު ހުސްނޫމާގޭ އަޙުމަދު ޢަލީއާއި ހަމަ އެރަށު މިރިހިމާގޭ އާމިނަތު ވަހީދުގެ ދަރިފުޅު އީނާ އަޙްމަދަކީ، ފަޚުރުވެރި ދަރިވަރެކެވެ. ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ގްރޭޑް 10 ގައި މިއަހަރު ތަޢުލީމު ޙާޞިލު ކުރަމުން އަންނަ އީނާއަކީ، އެ ސްކޫލުގެ ފަޚްރުވެރި ކެޕްޓަނެވެ.

ހުޅުމާލޭ ޕްރީސްކޫލުން ތަޢުލީމީ ޙަޔާތްފެށި، އީނާ،  ގްރޭޑް 1 ން 4 ށް ތަޢުލީމު ޙާޞިލުކުރީ ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުންނެވެ. އޭރުވެސް އީނާ ފާހަގަ ކުރެވިފައިވަނީ ކިޔެވުމަށް މޮޅު އިސްނެގުމާއި އިތުރު ހަރަކާތްތަކުގައި އެފަދަ ދެވަނައެއްނެތް ދަރިވަރެއްގެ ގޮތުގައެވެ. ޣާޒީ ސްކޫލު، އެ ދަރިވަރަކަށް ނުހަނު ބޭނުންވި، އުންމީދީ ދަރިވަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ގްރޭޑް ހަތަރެއް ނިންމުމަށްފަހު، އީނާ ރެހެންދި ސްކޫލަށް ބަދަލުވިއެވެ.

އީނާ، އޭނާގެ މަންމައާއި ބައްޕައާއެކު
އީނާ، އޭނާގެ މަންމައާއި ބައްޕައާއެކު

ރެހެންދި ސްކޫލުގައި އީނާގެ ތަރި އަހަރުން އަހަރަށް ދިޔައީ ފިޔަ ޖަހަމުންނެވެ. ކިޔެވުމުގައެވެ. އިތުރު ޙަރަކާތްތަކާއި އަދަބީ ޙަރަކާތްތަކުގައެވެ. ޔުނީފޯމު ޙަރަކާތްތަކުގަޔާއި އަދި އެނޫން ވެސް ޙަރަކާތްތަކުގައެވެ. ނަތީޖާއަކަށް ވީ ހުރިހައި ކުދިން ދަންނަ އެކުދިންގެ ލޯބި ލިބިފައިވާ ދަރިވަރަކަށް އީނާ ވުމެވެ. މިއަދު އީނާ އަކީ ރެހެންދި ސްކޫލުގެ އެންމެ އަލިގަދަ ތަރިއެވެ.

އެންމެ ކުޑައިރުއްސުރެ ސްކޫލު ކެޕްޓަނަކަށްވުމުގެ ފޮނި އުންމީދުގައި ކުރިޔަށް ދިޔަ، އީނާވަނީ އެ އުންމީދުގައި ޙަޤީޤީ ކުލަ ޖައްސައިފައެވެ. އެކަމަށްޓަކައި ގިރާކުރާންޖެހުނު ހުރިހައި ހަރުފަތެއްވެސް ފަސޭހަކަމާއެކު، ގިރާކޮށްފައެވެ.

"ސްކޫލު ކެޕްޓަނަކަށް ވުމުގައި ގިނަކަންތައްތަކެއް ފުރިހަމަވާންޖެހޭ. ތަޢުލީމީ ނަތީޖާއަށާއި، އިތުރު ޙަރަކާތްތަކުގައި އުޅެފައިވާ މިންވަރަށްބަލާ. ނަމާދުގައި ކިޔާތަކެތި އެނގޭ މިންވަރަށް ބަލާ. ވާހަކަ ދެއްކުންތެރިކަމާއި، ކެރުންތެރިކަން ހުރި މިންވަރު ބެލުމަށް ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް ހުށަހަޅަންޖެހޭ. މިކަންކަމަށް ބަލާ އެދަރިވަރަކު މަޤާމަށް ނޮމިނޭޓް ވާނީ. މީގެ އިތުރުން ގްރޭޑް 8 ން މަތީގެ ދަރިވަރުންގެ ވޯޓާއި މުދައްރިސުންގެފަރާތުން ލިބޭ ވޯޓަށް ބަލާ އެންމެ ގިނަ ޕޮއިންޓް ހޯދާ ދަރިވަރެއް އެ މަޤާމަކަށް ސިލެކްޓްވާނީ." މަދަރުސާއަށް ދިން ބަސްދީ ގަތުމުގައި އީނާ ކިޔައިދިނެވެ.

ކިޔެވުން ނިންމުމަށްފަހު، އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ އީނާ ޤަބޫލު ކުރާގޮތުގައި، ސްކޫލު ކެޕްޓަކީ ހުރިހައި ގޮތަކުންވެސް ނަމޫނާ ދަރިވަރަކަށް ވާންޖެހޭނެއެވެ. ކެރުންތެރިކަމާއި ލީޑަރޝިޕެވެ. އޯގާތެރިކަމާއި ކުލުނެވެ. ވާހަކަ ދެއްކުންތެރިކަމާއި އަޑުއެހުމުގެ ޤާބިލުކަމެވެ.  އެކުވެރިކަމާއި ގުޅުންތެރިކަމެވެ. މިއީ، ކެޕްޓަނެއްގެ ފަރާތުން ފެންނާންޖެހޭނެ ސިފަތައް ކަމަށް އީނާ ދެކެއެވެ.

ކޮންމެ ތަނެއްގައި ވެސް، ސްކޫލުގެ ނަން ދިރުވައި އާލާ ކުރުމުގެ ޢަޒުމުގައި ކުރިޔަށް ދާ  ރެހެންދި ސްކޫލުގެ ކެޕްޓަން އީނާ އަޙުމަދުވަނީ އެތައް ޙަރަކާތެއްގައި ސްކޫލު ތަމްސީލު ކޮށްފައެވެ. އިންޓަރ ސްކޫލު ހޭންޑް ބޯލް މުބާރާތުގައެވެ. އިންޓަރ ސްކޫލު ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައެވެ. މިނިވަންދުވަހުގެ ތަފާތު ޙަރަކާތްތަކުގައެވެ.  އިންޓަރ ހައުސް އަދި އިންޓަރ ކުލާސް އަދަބީ، ކުޅިވަރު އެތައް ޙަރަކާތެއްގައި ބައިވެރިވެ އީނާ ވަނީ ތަފާތު ރަން ވަނަތަކެއް ޙާޞިލްކޮށްފައެވެ. މިފަދަ އެތައް އެތައް ޙަރަކާތެއްގައި ބައިވެރިވެ އީނާ ވަނީ، ސްކޫލު ތަމްސީލުކޮށް ރަންވަނަތަކެއް ހޯދައިފައެވެ. އެގޮތުން އީނާ އަކީ އެންމެ ފުރަތަމަ ރެހެންދި ސްކޫލުގެ ގޯލްޑް ކެޕްޓަންވެސް މެއެވެ. ރެހެންދި ސްކޫލަށް އެންމެ ފުރަތަމަ ގްރޫޕް އިވެންޓަކުން "ގޯލްޑް" ތައްޓެއް ހޯދައިދިނީ އީނާގެ ކެޕްޓަންކަމުގައެވެ. އެއީ 2019 ވަނަ އަހަރު އިންޓަރ ސްކޫލު 16 އަހަރުންދަށުގެ އަންހެން ކުދިންގެ ބައިން ހޭންޑްބޯޅައިގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ ޝަރަފެވެ.

ތެދެކެވެ. އީނާއަކީ ޢިލްމުގެ ބަޤީޗާގައި ހުނަރުވެރި، ޤާބިލު ދަރިވަރެކެވެ. ހިންގުންތެރި، ޙަރަކާތްތެރި ދަރިވަރެކެވެ. އީނާ ދަނީ އޯލެވެލް އިމްތިޙާނުން ރަންވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. މިކަން ކާމިޔާބު ވާނެކަން އީނާވަނީ ސާބިތުކޮށް ދީފައެވެ.

އީނާއަށްޓަކައި އޭނާގެ އުފަންރަށާއި މައިންބަފައިންނާއި، ރެހެންދި ސްކޫލު ފަޚްރުވެރިވާނެކަން ކަށަވަރެވެ. މަދަރުސާއިން އެދެނީ "މާދަމާ" މިޤައުމު ފަޚުރުވެރިވާފަދަ ވިޔަފާރިވެރި ކަނބަލެއްގެ ގޮތުގައި އީނާ އަޙްމަދު ފެނިގެން ދިއުމެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު