މިލަންދޫ ސްކޫލުގެ "ތަރި" ބައްޕަގެ ވިޔަފާރީގެ މުގުލަށް

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސްކޫލަކީ އަތޮޅު ތެރޭގައި ހުރި އެންމެ ބިޔަ ސްކޫލެއެވެ. ޢިމާރާތާއި ޖާގައިގެ ގޮތުން މި ފަޚްރުވެރި ސްކޫލުގެ ކެޕްޓަނަކީ، ށ. މިލަންދޫ ޕާލްސް ޢަބްދުﷲ ޢާޠިފާއި، ފާޠިމަތު ނަޛުރާގެ ދެވަނަ ދަރިފުޅު މުޙައްމަދު ޔައިސް އެވެ. މިލަންދޫ ސްކޫލުގެ ގްރޭޑް 10 ގައި މިއަހަރު ކިޔަވަމުންއަންނަ، ޔައިސްގެ ހުވަފެނަކީ، ކިޔެވުން ނިންމުމަށްފަހު ބައްޕަގެ ވިޔަފާރީގެ މުގުލުގައި ހިފައި އެ ވިޔަފާރި ފުޅާ ކުރުމެވެ.

ޔައިސްގެ ތަޢުލީމީ ހަޔާތުގެ ފެށުމަކީ މިލަންދޫ ސްކޫލެވެ. ޔައިސް އަކީ ކިޔެވުމުގެ އިތުރުން ދަރިވަރުންނާގުޅޭ، އިސްނެގުމާއި އިތުރު ޙަރަކާތްތަކުގައި ވެސް ނަމޫނާ ދަރިވަރެކެވެ. ގިނަ ކާމިޔާބީތަކެއް ވެސް، ހޯދައިފައިވާ ކުއްޖެކެވެ. މިގޮތުން 2017 ވަނަ އަހަރު ބޭއްވުނު ވާހަކަ ދެއްކުމުގެ މުބާރާތުން 13 އަހަރުން ދަށުގެ ބައިން 2 ވަނަ ހޯދައިފައިވާއިރު، 2018 ވަނަ އަހަރު ބޭއްވުނު ވާހަކަ ދެއްކުމުގެ މުބާރާތުން ސީނިއާރ ބައިން ފަޚުރުވެރި 1 ވަނަ ޔައިސް ވަނީ ހޯދައިފައެވެ. މީގެއިތުރުން 2019 ވަނަ އަހަރު ބޭއްވުނު ވާހަކަ ދެއްކުމުގެ މުބާރާތުން ގްރޭޑް 9 ން އެއްވަނަ ހޯދައި އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ޔައިސް ހިމެނިފައިވެއެވެ. ހަމައެހެންމެ 2019 ވަނަ އަހަރު ބޭއްވި އަދަބީ ފޯވަހީގައި ބައިވެރިވެ، ގްރޭޑް 9ގެ އެންމެމޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނުމުގެ އިތުރުން، 1438 ވަނަ އަހަރުގެ މަދަހަ ކިޔުމުގެ މުބާރާތުން 13 އަހަރުންދަށުގެ ޢުމުރު ފުރައިން 2 ވަނަ، ޔައިސް ވަނީ ހޯދައިފައެވެ. އަދި 2017 ވަނަ އަހަރު ބޭއްވި ސްޕްލިންގ ބީ އިން ފަޚުރުވެރި 1 ވަނަ ހޯދުމުގެ އިތުރުން، 2019 ވަނަ އަހަރު ބޭއްވި ޓޯކް މާސްޓަރ އިން 3 ވަނަ، ޔައިސް ހޯދައިފައެވެ. ޔައިސް ހޯދައިފައިވާ މި ކާމިޔާބީތަކުން ހާމަވަނީ ޔައިސް އަކީ މޮޅު ވާހަކަ ދެއްކުންތެރިޔެއްކަމާއި، އެތައް ހުނަރެއްގައި ޔައިސް އަކީ އަރާ ހުރި ތަރިއެއްކަމެވެ.

ގްރޭޑް 7 ގައި ކިޔަވަމުން ދިޔައިރު، ސްކޫލު ކެޕްޓަނަކަށްވުމުގެ ޝައުޤު އުފެދުނު ޔައިސް އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ދަރިވަރުންތަކެއް ސްކޫލު ކެޕްޓަންކަމަށް ވާދަ ކުރުމެވެ. އެހެންނަމަވެސް ހުރިހައި ހަރުފަތެއްވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށް، ޔައިސް އަކީ މިއަދު މިލަންދޫ ސްކޫލުގެ ފަޚްރުވެރި ކެޕްޓަނެވެ.

ރިވެރި އަޚުލާޤައި ސްލޫކާއި، ޤަވާޢިދުތަކަށް އަބަދުމެ އިޚްތިރާމުކުރާ ޔައިސް ޤަބޫލުކުރާ ގޮތުގައި، ސްކޫލު ކެޕްޓަނަކީ، މުދައްރިސުންދެކެ ލޯބިވާ، އެފަރާތްތަކަށް އިޚްތިރާމުކުރާ، އަދި ހުރިހައި ދަރިވަރުންނަށް ވެސް ނަމޫނާ ދަރިވަރަކަށް ވާންޖެހޭނެއެވެ. އިސްނެގުމާއި އަދަބީ ޙަރަކާތްތަކާއި ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން އަޚްލާޤާއި ސްލޫކުންވެސް ނަމޫނާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް ޔައިސް ދެކެވެ.

ޔައިސް އަކީ ހުނަރުވެރި ވާހަކަ ދެއްކުންތެރިއެއް
ޔައިސް އަކީ ހުނަރުވެރި ވާހަކަ ދެއްކުންތެރިއެއް

މަދަރުސާއަށް ދެއްވި ބަސްދީ ގަތުމެއްގައި މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް އާދިލް ވިދާޅުވީ، ޔައިސް އަކީ މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ، ހުރިހައި ކުދިންނާ ވެސްގުޅޭ ކުއްޖެއް ކަމަށެވެ.

"ޔައިސް އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ކުއްޖެ. ޓީޗަރުންނަށް ވަރަށް ބޮޑަށް އިޙްތިރާމުކުރާ ވަރަށް ބޮޑަށް ކިޔެވުމަށް ގަދައަޅާ މަސައްކަތް ކުރާ، ސްކޫލުގެ އެންމެ މަތީ ހަރުފަތަށް ދިއުމަށް މަސައްކަތް ކުރާ ހިތްވަރުގަދަ ކުއްޖެއްއެއީ. އަޅުގަނޑުމެންނަށް އުންމީދު އެބައޮތް ސްކޫލަށް ޔައިސް ރަނގަޅު ރަންވަނައެއް ހޯދައި ދޭނެކަމަށް." ޔައިސް އާމެދު ކުރާ އުންމީދު ފާޅުކުރައްވައި ޕްރިންސިޕަލް އާދިލް ވިދާޅުވިއެވެ.

ސްކޫލު ކެޕްޓަނެއްގެ ހައިސިއްޔަތުން ޔައިސްގެ ހުވަފެންތަކެއް ވެސް، އެބަހުއްޓެވެ. އެއީ، ސްކޫލުގެ ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުމާއެކު، އިސްލާމީ ރިވެތި އަޚުލާޤުން ޖަރީވެފައިވާ ދަރިވަރުންތަކަކަށް މިލަންދޫ ސްކޫލުގެ ދަރިވަރުން ހެދުމާއި، ދަރިވަރުންގެ މެދުގައި ކިޔެވުމުގެ ރޫޙް އާލާކޮށް ސްކޫލަށާއި ރަށަށް ރީތި ރަން ވަނަތައް ހޯދައި، ނަމޫނާ ދައްކައިދޭ ދަރިވަރުންތަކަކަށް މިލަންދޫ ސްކޫލުގެ ދަރިވަރުން ހެދުމެވެ.

އެންމެ ބޮޑަށް ބިޒިނަސް ކިޔަވާ ހިތްވާ ޔައިސް، ކޮވިޑު 19 ގެ މި ހާލަތުގައިވެސް ކިޔެވުމަށް ބުރަކޮށް މަސައްކަތް ކުރަމުން އެބަދެއެވެ.  މައިންބަފައިންނާއި ސްކޫލާއި މުދައްރިސުން ފަޚްރުވެރިވާފަދަ ނަތީޖާއެއް ހޯދުމަކީ ޔައިސްގެ އުންމީދެކެވެ. އެ ނަތީޖާއަކީ ކޮބައިކަން، ތިކުދިންނަށް އެނގޭހެއްޔެވެ؟ އެއީ، އޯލެވެލްއާއި އެސްއެސްސީ އިމްތިޙާނުން ފަޚްރުވެރި 1 ވަނަ ހޯދުމެވެ.

މަދަރުސާއިން އެދެނީ ޔައިސްގެ ތިޔަ އުންމީދު، ޙަޤީޤަތަކަށްވުމެވެ. އަދި ކިޔެވުން ނިންމުމަށްފަހު ބައްޕަގެ ވިޔަފާރީގެ މުގުލުގައި ހިފައި ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިވެރިޔަކަށްވުމެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު