ކޮންމެ ކާމިޔާބީއެއްގައި ވެސް، އަގުކަރުދާސް ކޮޅެއް ހަރުކުރެވިފައި ވާނެއެވެ.

ދިރާސީ އަހަރެއްގެ ކިޔެވުން ނިމި، އައު އަހަރެއް ފެށި، އަހަރު މިވަނީ ދެބައިވުމަށް ކައިރިވެފައެވެ. ދަރިވަރުން އަހަރު ފެށީ، ޢަޒުމުތަކެއް ކަނޑައަޅަމުންނެވެ. އައު އުންމީދުތަކެއް ކުރަމުންނެވެ.  އައު ރޭވުންތަކެއް ރާވަމުންނެވެ. ނަމަވެސް ކޮވިޑު 19 ގެ ސަބަބުން މިއަދު މިވަނީ ގޭގައި ތިބެންޖެހިފައެވެ. ދިރިއުޅުމަށާއި ކިޔެވުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނާން މަޖުބޫރުވެފައެވެ. އެހެނަސް މިއީ ނާއުންމީދު ވާންވީ ވަގުތެއް ނޫނެވެ. އުންމީދު އާކޮށް  ޢަޒުމުތައް ވަރުގަދަ ކުރާންވީ ވަގުތެވެ.

ދަރިފުޅާއެވެ. ކާމިޔާބީއަކީ ހަމަހުއްޓައި ލިބޭނެ އެއްޗެއްނޫނެވެ.  އެކަމަށްޓަކައި ޢަޒުމުތަކެއް ކަނޑައަޅަން ޖެހެއެވެ. ޤުރުބާންތަކެއް ވާން ޖެހެއެވެ. ކެތްތެރިކަން ކުރިޔަށްނެރެ، ޔަޤީންކަމާއި އިތުބާރާއެކު މަސައްކަތްކުރަން ޖެހެއެވެ. އެހެނީ ކާމިޔާބީގެ ތަޅުދަނޑިއަކީ މިދެންނެވި ޤުރުބާނީ ކަމުގައިވާކަމެވެ. އަޅުގަނޑުމެން ވިސްނާލަންވީ، ފިހާރައަކުންވެސް އަޅުގަނޑުމެންނަށް ލިބޭނީ އަގުދިން މުދަލެއްކަމެވެ. އަގުނުދެވޭ މުދަލެއް ނުލިބޭނެކަމެވެ. މި އުސޫލުން ބަލާއިރު، ދަރިވަރެއްގެ ނަތީޖާއަކީވެސް ހަމަމިފަދަ އެއްޗެކެވެ. އެހެންކަމުން ކާމިޔާބީއާއި ނާކާމިޔާބު ބިނާވެފައި އޮންނާނީ ދަރިވަރު މަސައްކަތަށް ދިން އަގެއްގެ މައްޗަށެވެ.

ހަނދާންކުރަންވީ ފުރުޞަތަކީ އަބަދު ހުޅުވިފައި އޮންނާނެ އެއްޗެއްނޫންކަމެވެ. އަބަދުވެސް ވިސްނަންވީ ފުރުޞަތުގެ ދޮރު ހުޅުވިފައިވަނިކޮށް އެދޮރުން ވަނުމަށެވެ. އެދޮރަށް ފުރަގަސް ނުދިނުމަށެވެ.

ރަނގަޅު ނަތީޖާއެއް ހޯދައި ކާމިޔާބު މީހަކަށް ވެވޭނީ ނިމިދިޔަ އަހަރުތަކުން ލިބުނު ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކޮށްގެންނެވެ. މިކަންކުރެވޭނީ އިތުބާރާއި ޔަޤީންކަން އޮވެގެންނެވެ. ހިތްވަރާއެކު ވަރުގަދަ ޢަޒުމެއް އޮވެގެންނެވެ. މާޔޫސްކަމާއި ހިތްދަތިކަން ހަނދާނުން ފޮހެލައިގެންނެވެ. އެހެނީ ކާމިޔާބާއި ނާކާމިޔާބު ގުޅިފައިވަނީ މިދެންނެވި ކަންކަމާ ކަމަށް ވާތީއެވެ.  އެހެންކަމުން އަބަދުވެސް ވިސްނަންވީ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ނާކާމިޔާބު މީހަކަށް ތިމާވަނީ ނާކާމިޔާބު ތަކުރާރު ކުރީމާކަމެވެ. ކާމިޔާބުމީހަކަށް ތިމާވަނީ ނާކާމިޔާބު ތަކުރާރު ނުކުރީމާކަމެވެ. ވީމާ، ފައިބެއަހަރު ފާސްނުވުމަކީ ލިބުނު ނާކާމިޔާބެއް ކަމަށްބަލައި މާޔޫސްނުވާށެވެ. ޢަޒުމާއެކު މަސައްކަތްކުރުމަށް ޢަޒުމުގެ ކަމަރު ބަންނާށެވެ. ނާކާމިޔާބީ ހައިހޫނު ކަމުގައި ބަހަށްޓާށެވެ. އެކަމަކު  ކާމިޔާބަށް އަބަދުވެސް ކާންދޭން ހަނދާން ކުރާށެވެ.

ކާމިޔާބަށް އެދި މަސައްކަތް ކުރުމަކީ ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމެވެ. މިކަން ރަނގަޅަށް ކުރެވޭނި އެކަމަށް ޚާއްޞަ ތާވަލެއް ހަދައިގެންނެވެ. ފިލާވަޅު ދަސްކުރާނެވަގުތުތަކާއި، ފިލާވަޅުހަދާނެ ވަގުތުތައް ތާވަލުގައި ކަނޑައަޅައިގެންނެވެ. އަދި މި ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ދިޔުމަށް މަސައްކަތްކޮށްގެންނެވެ. ހަމަމިޔާއެކު ފިލާވަޅުތައް ދަސްކުރަންޖެހެނީ ޓެސްޓް އައިސް ޖެހުމުން ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެންނެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އެއް މާއްދާއެއްގެ ފިލާވަޅު ދަސްކުރުމަށް ގިނަވަގުތުތަކެއް ހޭދަކުރުމަކީ އެހައި ކާމިޔާބު ގޮތެއް ނޫނެވެ. މިކަމަށް އެންމެރަނގަޅީ މާއްދާއަކަށް އެއް ގަޑިއިރު ހޭދަ ކުރުމެވެ. އަދި މި އެއް ގަޑި އިރަކީ ތަފާތު ގޮތްގޮތަށް ބަހައިލައިގެން އެމާއްދާގެ މަސައްކަތްކުރާ ވަގުތެއް ކަމުގައި ހެދުމަކީވެސް މުހިންމު ކަމެކެވެ.

ފިލާވަޅުތައް ފަހަށް ބެހެއްޓުމަކީ ހައްލެއްނޫންކަން ހަނދާންކުރާށެވެ. ކޮންމެ ދުވަހެއްގެ ފިލާވަޅުވެސް، 24 ގަޑިއިރު ވުމުގެ ކުރިން ދެވަނަ ފަހަރަށް ބަލައިލާ، ނޭގޭ ބައިތައް އޮޅުން ފިލުވައިލުމަކީ މުހިންމުކަމެކެވެ. އަދި ޓީޗަރު ކިޔަވައި ދެއްވި އެއްޗެއް އެހެންމީހަކަށް ކިޔައި ދިނުމަކީ ނުވަތަ އަމިއްލަޔަށް ކިޔަވައި ދިނުމަކީވެސް ފިލާވަޅުތައް ފަސޭހައިން ދަސްކުރުމަށް ކުރެވިދާނެ ކަމެކެވެ.

މިދެންނެވި ބީދައިން ކަންކަން ކުރެވިއްޖެނަމަ ކާމިޔާބަށް ވާޞިލުވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވަނީ ޢަޒުމާއި ހިތްވަރެވެ. ކެރުމާއި ސާބިތުކަމެވެ. އެކަމަށް އެދި މަސައްކަތްކުރެވޭ ގޮތާއި މިންވަރެވެ. " ކޮންމެ ކާމިޔާބެއްގައިވެސް އަގު ކަރުދާސްކޮޅެއްވެޔޭ " ބުނަނީ އެހެންވެގެންނެވެ.

މިއަދު ތިކުދީން ހަނދާން ކުރަންވީ ކާމިޔާބީގެދޮރަކީ ވަކި ކުއްޖަކަށް ހުޅުވިފައިވާ ދޮރެއް ނޫނެވެ. ހުރިހައި ކުދިންނަށްވެސް އެ ދޮރުވަނީ ހުޅުވިފައިވެއެވެ. ނާކާމިޔާބު ތަކުރާރުވަނީ އެ ދޮރުން ވަންނަން ދަރިވަރުންނަށް ނޭނގުނީމައެވެ. ކޮވިޑު 19 ގެ މިހާލަތުގައި ގޭގައި ތިބެން ޖެހުމަކީ ނާއުންމީދުވެ މާޔޫސްވާންވީ ކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!