އަމީނު ދީދީ، އަމީނާ އަށް ފޮނުއްވި ސިޓީފުޅު: ދިވެހި ގައުމަށް ދެއްވި އަގުހުރި ތަރިކައެއް

ދިވެހި ޖުމްހޫރިއްޔާގެ ބާނީ، އަދި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ، ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، ދޫނިދޫގައި ހުންނަވައި، އެމަނިކުފާނުގެ ލޮބުވެތި ދަރިކަނބަލުން އަންނަބީލާ އަމީނާ މުޙައްމަދު އަމީނަށް ފޮނުއްވި ސިޓީފުޅަކީ، ދިވެހި ގައުމަށް ދެއްވި އަގުހުރި ތަރިކައެކެވެ. އެ ސިޓީފުޅަކީ، އަމީނާ އަށް ފޮނުއްވި ސިޓީފުޅެއް ނަމަވެސް، އެ ސިޓީފުޅުން، އަގުހުރި އެތައް ފިލާވަޅެއް، މިއަދުގެ ދަރިންނަށް ލިއްބައިދެއެވެ.   އަގުހުރި އެތައް ވާހަކަފުޅު ތަކެއް ދައްކަވައިފައިވާ، އިބްރަތުން ފުރިގެންވި، މި ސިޓީފުޅަކީ، މިއަދުގެ ކިޔަވާ ކުދިންނާއި ޒުވާނުންނަށް، ޚާއްޞަކޮށް އަންހެން ކަނބަލުންނަށް ހަދިޔާ ކުރެއްވި، ފަނޑުވުމެއްނެތް ރަން މުތެއް ކަމުގައި ނޫނީ ނުވާނެއެވެ.

މަދަރުސާގައި، އަމީނުގެ މި ސިޓީފުޅު ހިމަނައިލީ، މިއީ، ދިވެހި ކޮންމެ ދަރިއަކަށް ވެސް، ވަރަށް ބޭނުންތެރި ސިޓީފުޅެއް ކަމަށް ފެންނާތީއެވެ. ޚާއްޞަކޮށް މިއަދުގެ ކިޔަވާ ކުދިންނަށް، މި ސިޓީފުޅު ހިއްސާކޮށް، އެކުދީން، މި ސިޓީފުޅުން އިބްރަތް ޙާޞިލް ކުރުމަކީ، އެކުދީންގެ މާދަމާގެ މުސްތަޤުބަލަށްޓަކައި ކޮށައިދެވޭ އުޖާލާ ރާސްތާއެއް ކަމަށް ދެކޭތީއެވެ. މަދަރުސާގައި، މި ސިޓީފުޅު ނަކަލު ކޮށްފައި މިވަނީ، ހުވާސް މަޖައްލާ އިންނެވެ.

 

ބައްޕަގެ ނުހަނު ލޯބިވާ ދަރިފުޅަށް

ދޫނިދޫ، ސަފަރު 1373

ބައްޕަގެ ނުހަނު ލޯބިވާ، އަމީނާއަށް. ގިނައިން ސަލާމް ބުނުމަށްފަހު، ލޯތްބާއި، ކަރުނައާއި، އެކުގައި ބުނަމެވެ.

އަދަކީ، އިއްޔެއާއި ވަރަށް ތަފާތު ދުވަހެކެވެ. އަދި މާދަމާއަކީ، މިއަދާއި، ވަރަށް ވެސް ތަފާތު ދުވަހަކަށްވުމީ، އެކަށީގެންވާ ކަމެކެވެ. އެއީ، އިލާހީ ހަމަ އެވެ. ގުދުރަތީ ގާނޫނެވެ. ދުނިޔެއަކީ، އެއްދުވަހު، ހިނިތުންވަމުން، އަނެއް ދުވަހު، ތުންފިއްތަމުން، ދާ ތަނެކެވެ. އިންސާނީ ހަޔާތަކީ، އެއްގޮތުން އަނެއްގޮތަށް ބަދަލުވަމުން ދާ އެއްޗެކެވެ. ބުއްދިވެރިޔަކީ، ވިސްނުންތެރިޔަކީ، "އެދޭ މިގޮތާއި، ދިމާނުވެދާ ނަތީޖާއެއް ލޮލަށް ފެނުނަސް" ހިނިތުންވާން އެގޭ މީހާ އެވެ. ދިމާވާ ކޮންމެ ހާލެއްގައި، ކުރިމަތިލާންޖެހޭ ކޮންމެ، މުސީބާތެއްގައި، މާތްރަސްކަލާންގެ މިންވަރުފުޅަށް، ކިޔަމަންތެރިވުމާއި އެކު ބޯލަބާން ދަސްވެފައިވާ މީހާ އެވެ.  ހަމަޖެހިފައިވާ، ހިތަކާއިގެން، ކެތްކުރެވޭ މީހާ އެވެ. ބަހުސެއް ނެތެވެ. އަރަހުށި މާތްރަސްކަލާގެ ވޮޑިގެންވަނީ، ކެތްތެރީންނާއި އެކުގަ އެވެ.

ލޮބުވެތި އަމީނާ އެވެ! މާތް ރަސްކަލާގެއީ، އިންސާފުވަންތަ ރަސްކަލާގެ އެވެ. އެކަލާގެ އުހެއްދެވި އަޅުންގެ މައްޗަށް ރަހީމުވަންތަ، ރަސްކަލާގެ އެވެ. އިންސާނަކާ ދިމާވާ ކޮންމެ، މުސީބާތެއްގައި އެކުލައްވަވާފައި ވަނީ، އަގުހުރި، ދަރުސް ތަކެކެވެ. އެހީތެރި، އިންޒާރު ތެކެކެވެ. ބެއިނުންތެރި، ތަޖުރިބާ ތަކެކެވެ. ތިމާގެ ކުށްތައް ދިމާއަށް އަންގައި ދެއްވުމެވެ. ތިމާ ތިމާއަށް ދަސްކޮށް ދެއްވުމެވެ.  ދުނިޔޭގެ ހަގީގަތްތައް ތިމާގެ ކުރިމަތީގައި ހާމަކޮށް ދެއްވުމެވެ. ތިމާގެ ތެދުވެރި ރަހުމަތްތެރީންނާއި، ހަސަދަވެރި ދުޝްމިނުން، އޮޅުމެއް ނެތް ގޮތުގައި، ވިސްނައި ދެއްވުމެވެ. ތިމާގެ ހައްގުތައް ހަދުމަކޮށް ދެއްވުމެވެ. އިންސާނުންނަކީ، ބާރެއް، އާރެއް ނެތް ބައެއްކަން، ހިތަށް ވައްދައި ދެއްވުމެވެ.

ދިމާވާ، މުސީބާތްތަކުން، ތިމާއަށް، ދުނިޔެ އާއި، ތިމާ، ރައްޓެހިންނާއި، ރަހުމަތްތެރިން، ހެޔޮ އެދޭ މީހުންނާއި، ބޭވަފާތެރީން ދަސްވަމުން ދާ ކަމުގައި ވަނީނަމަ، ޖެހޭ މުސީބާތަކީ، ގެއްލިގެންދާ އެއްޗެއް ނޫންކަން ކަށަވަރެވެ. ނަމަވެސް، އެފަދަ އިބްރަތަކި، ދުނިޔޭގެ މަދު ބަޔަކަށް ހާސިލް ކުރާން އެގޭ އެއްޗެކެވެ. ގިނަ މީހުންނަށް ވާ ގޮތަކީ، އެފަދަ ހާލެއް ޖެހުމުން، "ދުނިޔެދެކެ ރުޅި އާދެވެނީ އެވެ." ހިތަށާއި، ސިކުޑިއަށް ވެރިވަމުންދާ  އޮންނަނީ، އެންމެ ޚިޔާލެކެވެ. ކޮންމެވެސް ބަޔަކަށް ބަދަލު ދިނުމުގެ ޚިޔާލެވެ.

އާއެކެވެ! ދުނިޔެއަކީ ވަރަށް ގިނަފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި، ކާމިޔާބުގެ ސިޑީން މީހަކު އަރަމުންދާއިރު، ދުނިޔެ އޮންނަނީ އެމީހެއްގެ މައްޗަށް ހިނިތުންވެފަ އެވެ. ނަސީބު ތުންފިއްތައިލުމުން، ދުނިޔެ ތުންފިއްތާން ފަށަނީ، ވަރަށް ވެސް އަވަހަށެވެ. އިންސާފެކޭ ކިޔާއެއްޗެއްގެ ހަދާން ހުންނަނީ، ދުނިޔެއިން ވަރަށްވެސް މަދު ބައެކެވެ.

އާއެކެވެ! ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް، ބަދުނަސީބާ ކުރިމަތިލާން ޖެހުމަކީ، ތިމާޔަށް ލިބޭ، އަގު ނުކުރެވޭފަދަ ފައިދާ އެކެވެ. ހިކުމަތްތެރި ބަސްފުޅުތަކުގެ، ކައު އިތުރު މުޙައްމަދު ނަބީކަލޭގެފާނު ހަދީސްފުޅު ކުރައވާފައިވަނީ، "ބަދުނަސީބެއްގެ ތެރެއަށް ނުވެއްޓޭ މީހާއީ، ހިތްވަރުގަދަ، ފުރިހަމަ މީހަކަށް ނުވެ އެވެ. ތަޖުރިބާ ނުލިބޭ މީހަކު ޙަކީމަކު، ކަމުގައި، ނުވެ އެވެ." މިފަދައިންނެވެ.

ހަގީގަތަކީ، މިއީ ކަމުގައި ވިޔަސް، ބަދުނަސީބަކާއި، ކުރިމަތިލާން ޖެހުމުން، ގިނަމީހުންނަށް ދުނިޔެ ފެންނާންފަށަނީ، ހިތި ހަބަރުގަޑެއް ފަދައިންނެވެ. ދުނިޔޭގައި ވާނަމަ ވާހައި،  ގަސްގަހާއި ގެހި ފެންނާނީ، ހިކި، މިލައި، އަނަރޫފަ ވަމުން ދަނިކޮށެވެ.  މާމެލާމެލިތައް ފެންނާނީ، ވަދުވެ، ވަޅޯވެގެން، ގަސްދަށަށް ވެރެނިކޮށެވެ. ދުނިޔެ އޮންނާނީ، އުހަލާއި، އަރާމުން، ނަލަކަމާއި، ރީތކަމުން މަހްރޫމު ވެފަ އެވެ. އެހެންވާކަމުގެ ސިއްރަކީ ފަހެ ކޮބައި ހެއްޔެވެ. ކަލާނަގެ ނިއުމަތްތައް ހަދުމަ ނެތިވެދާ ކަމެވެ. ދުނިޔޭގެ މީރުކަމާއި އަރާމަށް އެކަނި ހިތް ދޫލޮށްލައިގެން ތިބެވޭ ކަމެވެ. އާއެކެވެ! ޝައްކަކަށް ވަސްވާހަކަށް، ތަނެއް ނެތެވެ. "ހުރިހައި ވެސް ނުބައެއްގެ މުލަކީ، ދުނިޔެއަށް ލޯބި ކުރުމެވެ."

މިތާ، މި ރުކުގެ ދަށުގައި، އޮށޯވެލައިގެން އޮންނައިރު، ބަލާލި ކޮންމެ ދިމާއަކުން، ބައްޕަޔަށް ފެންނަނީ، ކަލާގެ ކުޅަދުންވެރިކަމުގެ ހެކިތަކެވެ. ގުދުރަތީ ރީތިކަމާއި، ފުރިހަމަކުގެ، މިސާލުތަކެވެ. ހިތްދަތިވުމަކީ، ފިކުރުބޮޑުވަކަމީ، ސާބިތުކަން ގެއްލި ދިއުމަކީ، އަމުދުން ހުރެގެން ވާނޭ ކަމެއް ނޫން ކަހަލަ އެވެ…… އިހަށް ދުވަހު އުޅުނު ރަށުން، އަދު ވަނީ ފައި ކައްސާލައިފައި ކަމުގައި ވިޔަސް، އިހަށް ދުވަހު އެކު އުޅުނު  ގާތް ތިމާގެ މީހުންނާއި، ހެޔޮއެދޭ ރަހުމަތްތެރީންނަށް މިއަދު ވަނީ އަލްވަދާއު ކިޔަން ޖެހިފައި ކަމުގައި ވިޔަސް…. ކަލާގެ ރަހުމަތުގެ ތަނަވަސްކަމުން ބޭރުވެގެންނެއް ނުދެ އެވެ. ނުވެސް ދާނޭ މެއެވެ. އެއޮތް ފެންނަ މާސިންގާ، ކަޑުގެ ރާޅުތައް ގޮޑުދޮށަށް އައިސް ބިންދަމުން އެ ބުނަނީވެސް، އެއްޗެކޭ އެވެ. އެހެރަ ރުކުގެ ފަންތައް، ވައިގެ ރާގަށް ހަރަކާތްތެރިވަމުން ވެސް، އެހާސިލުކޮށް ދެނީ، ވެސް އިބްރަތެކެވެ. އެހެރަ ފެންނަ ގަހުންވެއްޓޭ މާތައް އެ ދަސްކޮށްދެނީ ވެސް ފިލާވަޅެކެވެ ފޫހިވާންވީ ސަބަބެއް ނެތެވެ. ދެރަވާންވީ ބެއިނުމެއް ނެތެވެ. …. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ، ގުދުރަތުގެ ރަފީގެއް ހިނިތުންވެފައިވާ ތަނެވެ. ނަމަވެސް، އިންސާނުން ވާނީ، އިންސާނުންނަށެވެ. އިންސާނީ، އުނިކަން ވާނީ، އިންސާނީ އުނިކަމަށެވެ. އެހެންކަމުން…….

(އަދި ނުނިމޭ… މާދަމާއަށް އިންތިޒާރު ކޮށްލައްވާ)

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!