ކޮވިޑް 19 ގެ ސަބަބުން ކިޔަވައިދިނުން ހުއްޓި، ރާއްޖޭގެ ހުރިހާ ސްކޫލަތަކެއް ބަންދު ކޮށްފައިމިވާ މިދަނޑިވަޅުގައި، ގޭގައި ތިބެގެންވެސް ދަރިވަރުންނަށް އިމްތިޙާނަށް ތައްޔާރުވުމަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ޓީޗަރެއްގެވެސް އެންމެ ބޮޑު ޒިންމާކަމުގައި ހުރިހާ ޓީޗަރުންވެސް މިއަދު ޤަބޫލުކުރެއެވެ. މިފަދަ ވަގުތެއްގައި އެސް.އެސް.ސީ އިމްތިޙާނަށް ތައްޔާރުވަމުންދާ ގްރޭޑް 10 ގެ ދަރިވަރުންނަށް، އިމްތިޙާނާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުގެވެސް އެންމެއިސް އެއް، ވާޖިބުކަމުގައި ޤަބޫލުކުރަމެވެ. މިހެންވެ މަދަރުސާ ނޫސް، މެދުވެރިކޮށް އެސް.އެސް.ސީ އިމްތިޙާނާބެހޭ މަޢުލޫމާތާއި، އިމްތިޙާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރަންވީ ބައެއް ކަންތައްތައް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުގެ ގަލަން އުފަލައިލަމެވެ.
އެސް.އެސް.ސީ އިމްތިޙާނާބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތު ތަކެއް ގެނެސްދޭން ހުރުމާއެކު މިފަހަރު މިގެނެސްދޭން ފަށާ ލިޔުމަކީ ސިލްސިލާ ގޮތެއްގައި ގެނެސްދޭ ލިޔުމެއްކަމުގައި ދަންނަވަމެވެ. މިހާހިސާބުން އަޅުގަނޑުގެ އަޞްލު މިސްރާބަށް ދަތުރުފަށާނަމެވެ.
އެސް.އެސް.ސީ އިމްތިޙާނަކީ ކޮބާ؟
އެސް.އެސް.ސީ އިމްތިޙާނަކީ ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ދެވޭ ފައިނަލް އިމްތިޙާނުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ތައްޔާރުކޮށް، ދަރިވަރުންނަށް ދެވޭ (ދިވެހި އަދި އިސްލާމް މާއްދާއިން ދެވޭ) އިމްތިޙާނަށް ކިޔާނަމެކެވެ. އައު މަންޙަޖުގެ ތެރެއިން 2020 ވަނަ އަހަރު އަހަރުން ފެށިގެން އެކުލަވައިލާ އިމްތިޙާނު (އިސްލާމް) ކަރުދާސްތަކުގައި ހިމަނާނީ ގްރޭޑް 9 އަދި ގްރޭޑް 10 ގެ ފޮތުގައިވާ މަޢުލޫމާތު (ކޮންޓެންޓް) ގެ މައްޗަށް އެކުލަވައިލެވިފައިވާ ސުވާލުތަކެކެވެ. މިގޮތަށް އެކުލަވައިލާ ސުވާލުތަކަށް ނުވަތަ ސުވާލުކަރުދާހަށް ދެވިފައިވާ ނަމަކީ އެސް.އެސް.ސީ އިމްތިޙާނެވެ. މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވައިލައިފައިވާނީ އެސް.އެސް.ސީ އިމްތިޙާނުގެ ދެމާއްދާ (ދިވެހި އަދި އިސްލާމް މާއްދާ) ގެ ތެރެއިން "އިސްލާމް މާއްދާ" އަށެވެ.
އެސް.އެސް.ސީ އިމްތިޙާނުގެ ސުވާލުކަރުދާސް އޮންނާނެގޮތް:
އައުސިލަބަހަށް، 2020 ވަނަ އަހަރު އެކުލަވައިލެވޭ އެސް.އެސް.ސީ އިމްތިޙާނުގެ އިސްލާމް މާއްދާގެ ސުވާލުކަރުދާސް ތައްޔާރު ކުރެވޭނީ ދެ ކަރުދާހެއްގެ މައްޗަށެވެ. އެއީ ސުވާލުކަރުދާސް 1 އާއި ސުވާލުކަރުދާސް 2 އެވެ. ސުވާލު ކަރުދާސް 2 ގައި ހިމެނޭނީ ގްރޭޑް 9 ގެ ފޮތުންނާއި ގްރޭޑް 10 ގެ ފޮތުން (ދެފޮތުންވެސް) އިސްލާމީ ޢަޤީދާގެ ޔުނިޓް އާއި ޙަދީޘް ޢިލްމުގެ ޔުނިޓް އަދި އިސްލާމީ ފިޤުހު ޔުނިޓެވެ. މިދެންނެވި ތިން ޔުނިޓުން ހަތަރު ފެންވަރެއްގެ ސުވާލު، ސުވާލުކަރުދާސް 2 ގައި ހިމެނޭނެއެވެ. އެއީ މަޢުލޫމާތުގެ ސުވާލާއި ދޭހައިގެ ސުވާލާއި، ބޭނުންކުރުމުގެ ސުވާލުގެ އިތުރުން ބޭނުންކުރުމަށްވުރެ މަތީފެންވަރުގެ ސުވާލެވެ. ކަރުދާސް 2 ގައި ޖުމްލަ 25 ސުވާލު ހިމަނައިފައި އޮންނާނެއެވެ.
ސުވާލު ކަރުދާސް 1 ގައި ހިމެނޭނީ ގްރޭޑް 9 ގެ ފޮތުންނާއި ގްރޭޑް 10 ގެ ފޮތުން (ދެފޮތުންވެސް) ތާރީޚާއި ޙަޟާރާތު ޔުނިޓާއި އިސްލާމީ ޘަޤާފާގެ ޔުނިޓުގެ އިތުރުން އިސްލާމީ އަޚްލާޤު ޔުނިޓެވެ. ކަރުދާސް 1 ގައި ހިމެނޭނީ ތިން ފެންވަރުގެ ސުވާލެވެ. އެއީ މަޢުލޫމާތުގެ ސުވާލާއި ދޭހައިގެ ސުވާލާއި، ބޭނުންކުރުމުގެ ސުވާލެވެ. ކަރުދާސް 1 ގައި އޮންނާނީ ޖުމްލަ 30 ސުވާލެވެ. ކޮންމެ ސުވާލަކަށް ދީފައިވާނީ 1 މާކުހެވެ. ކަރުދާސް 1 ގެ ޖުމްލަ ވަގުތަކީ 75 މިނިޓް (1 ގަޑިއިރާއި 15 މިނިޓް) އެވެ.
އެސް.އެސް.ސީ އިސްލާމް މާއްދާގެ ސުވާލުކަރުދާސް (2) އޮންނާނީ ދެ ސެކްޝަނަކަށް ބަހައިލައިފައެވެ. އެއީ ފުރަތަމަ ބައި، ނުވަތަ މަޖުބޫރު ސެކްޝަން (ހުރިހާ ސުވާލަކަށްވެސް ޖަވާބުދޭންޖެހޭ ސެކްޝަން) އާއި ދެވަނަބައި، ނުވަތަ އިޚްތިޔާރީ ސެކްޝަން އެވެ. މަޖުބޫރު ސެކްޝަން އަކީ ސުވާލު ނަންބަރު 1 އިން ސުވާލުނަންބަރު 13 އާއި ހަމައަށެވެ. މިބައިގައި ހިމެނޭނީ މަޢުލޫމާތުގެ ސުވާލުތަކާއި ދޭހައިގެ ސުވާލުތަކެވެ. ކަރުދާސް 2 ގެ ފުރަތަމަބައި (މަޖުބޫރު ސުވާލުތައް) ގައި ހިމެނޭ ހުރިހާ ސުވާލަކަށް ދަރިވަރުން ޖަވާބުދޭން ޖެހޭނެއެވެ.
ސުވާލުކަރުދާސް 2 ގެ ދެވަނަބައި (އިޚްތިޔާރީ ސުވާލުތައް) ގައި ހިމެނޭ ސުވާލުތަކުން ދަރިވަރުން ޖަވާބުދޭނީ ސުވާލުގައި ޖަވާބުދޭން ބުނެފައިވާ ގޮތަށް، ޖަވާބުދޭން ބުނެފައިވާ ޢަދަދަށެވެ. ދެވަނަބައިގައި ހިމެނޭނީ ސުވާލު ނަންބަރު 14 އިން ސުވާލުނަންބަރު 25 އަށެވެ. މިބައިގައި ހިމެނޭ 12 ސުވާލުގެ ތެރެއިން ދަރިވަރުން ޖަވާބުދޭން ޖެހޭނީ 7 ސުވާލަށެވެ. ކަރުދާސް 2 ގެ މުޅިކަރުދާހަށް ބަލައިލައިފިނަމަ ދަރިވަރުން ޖަވާބުދޭނީ 25 ސުވާލުގެ ތެރެއިން 20 ސުވާލަށެވެ. މިކަރުދާހުގެ ޖުމްލަ ވަޤުތަކީ 2 ގަޑި އިރާއި 15 މިނިޓެވެ. ކަރުދާސް 2 ގެ ޖުމްލަ މާކުހަކީ 70 އެވެ.
advertisment
advertisment
advertisment
3 Responses
ނަމޫނާ ކަރުދާހެއް ލިބިދާނެތޯ
މަދަރުސާ ނޫހުގައި ނަމޫނާ ކަރުދާސް ގެނެސްދެވޭނެ. އިންޝާ ﷲ
Thee v.best techer eh.hama no.1